ފާއިތުވީ ދެ މަހު އެކިއުރޭޓު ލިބިފައިވާނަމަ ޖޫން، މަހު ރީޑިންނަގާ ފޮނުވާ ބިލް އެޑްޖަސްޓު ކުރެވޭނެ!
ފާއިތުވީ ދެ މަހު އެކިއުރޭޓު ލިބިފައިވާނަމަ ޖޫން، މަހު ރީޑިންނަގާ ފޮނުވާ ބިލް އެޑްޖަސްޓު ކުރެވޭނެކަމަށް ސްޓެލްކޯއިން ބުނޭ

ލޮކްޑައުންގެ ލުއިތަކާއި އެކު ކަރަންޓު ބިލް ހެދުމަށް، ގެތަކާއި ފިހާރަތަކުން ކަރަންޓު ރީޑިން ނެގޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް ސްޓެލްކޯ އެދިއްޖެއެވެ.

ސަންގުޓީވީގެ ފުރަމެންދުރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ސީނިއާ މެނޭޖަރު އިބްރާހިމް ޒާހިރު ވިދާޅުވީ ލޮކްޑައުންއާއި ގުޅިގެން ކުންފުނީގެ ހިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުނު ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ވެސް އެންމެ ބޮޑު މަސައްކަތެއް ކުރީ ކޮވިޑުގެ ހާލަތުގެ ތެރޭގައި ވެސް ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ހިދުމަތެއް އެއްވެސް ބުރަލެއް އައިސް މެދުކެނޑިޔަ ނުދިނުމަށް ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި އެކަމާއި ގުޅިގެން ދިމާވެދާނެ މައްސަލައަކަށް ހައްލެއް ވީހާވެސް އަވަހަށް ގެނައުމަށް ސްޓެލްކޯގެ ތެތޭގައި ގިނަ އަދަދެއްގެ މުވައްޒަފުން ލޮކްޑައުންވެގެން ތިބިކަމަށް ޒާހިރު ވިދާޅުވިއެވެ.

މި ލޮކްޑައުންގެ ތެރޭގައި ސްޓެލްކޯއިން އެންމެ ބޮދު ބަދަލެއް ގެންނަ ޖެހުނީ ކަރަންޓު ބިލް ތައްޔާރު ކުރުމަށް ނަގާ ރީޑިންއަށެވެ. އަދި ކަސްޓަމަރަށް ބިލު ފޮނުވާ އުސޫލަށް ވެސް ބަދަލެއް ގެނައި ކަމުގައި ފާހަގަކުރެއްވިއެވެ. ޒާހިރު ވިދާޅުވީ އެންމެ ފުރަތަމަ ލޮކްޑައުންއަކަށް ދިޔައިރު އޭރު 80 އިންސައްތަ ގެތަކުގެ ރީޑިން ނަގާ ނިމިފައިވާ ކަމަށެވެ. އަދި ބާކީ 20 އިންސައްތަ އެއީ ގާތްގަނޑަކަށް 9،000 ކަސްޓަމަރުންގެ ގޮތުގައި ވިދާޅުވިއެވެ. ޒާހިރު ވިދާޅުވީ ސްޓެލްކޯއިން ބޭނުންވަނީ ކޮންމެ ގެޔަކަށް ވެސް އެކިއުރޭޓު ބިލު ފޮނުވުމަށް ކަމަށާއި ވަރަށް ކުދަ ވަގުތުކޮޅެއްގެ ތެރޭގައި ސްޓެލްކޯގެ ވެބްޕޯޓަލް އެކްޓިވްކޮށް ކަސްޓަމަރުންނަށް ރީޑިން މީޓަރުގެ ފޮޓޯ ފޮނުވޭނެ އިންތިޒާމު ހަމަޖެހުނު ކަމަށެވެ. އެގޮތުން އޭޕްރިލް މަހުގެ ތެރޭގައި ވެސް ގިނަ އަދަދަކަށް ފޮޓޯތައް ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ. ޒާހިރު ވިދާޅުވީ ބައެއް ގެތަކުގެ ފޮޓޯތައް ނުލިބި ދިޔައީ ބައެއް ފަރާތްތައް މާލެ ދޫކޮށް ދާން ޖެހުމާއި އަދި ކަރަންޓީނަށް ދާންޖެހުމުން ކަމަށެވެ.

ޒާހިރު ވިދާޅުވީ އޭޕްރިލް މަހުގައި އެވްރެޖު ބިލު ލިބިފައިވާނީ ނިސްބަތުން ބަލާނަމަ މަދު ފަރާތަކަށް ކަމަށެވެ. އަދި މޭއި މަހުގައި ވެސް ބައެއް ކަސްޓަމަރުންގެ ފަރާތުން މީޓަރުތަކުގެ ފޮޓޯ ލިބުނުކަމަށެވެ. ނަމަވެސް އޭޕްރިލް މަހު އެވްރެޖު ބިލް ފޮނުވި ކަސްޓަމަރުންގެ ބިލަށް ޖެހިގެން އައި މަހު މީޓަރުގެ ފޮޓޯ ފޮނުވާފައިވާތީ ބިލް އެޑްޖަސްޓު ކުރުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް އައި ކަމަށް ޒާހިރު ވިދާޅުވިއެވެ.

"ދެން އަޅުގަނޑުމެންނަށް ކުރިންވެސް އެނގިފައި އޮތް ކަމެއް އެއީ، އަޅުގަނޑުމެން އެ ފުރުސަތު ހުޅުވާލިއިރު ވެސް އަޅުގަނޑުމެން އެ ނޫސް ބަޔާނުގައި ފާހަގަކޮށްފައި އިންނާނެ އަޅުގަނޑުމެން އެވްރެޖުކޮށް ހަދާ ބިލެއްގައި އެއްވެސް މައްސަލައެއް އުޅެންޏާ، އެއްވެސް އުނިއިތުރެއް ގެންނަންޖެހޭ ކަމަށް ވާނަމަ ފަހުން ހަދާ ބިލްތަކަށް އެ ބަދަލު ގެނެސްދޭނެ ކަމަށް" ޒާހިރު

ޒާހިރު ވަނީ ކޮވިޑުގެ މިހާލަތުގައި މާލެ ދޫކޮށް އެތައް ބަޔަކު ދާން ޖެހުނުއިރު އެ މީހުން ދިރިއުޅުނު ފްލެޓުތައް ހުރީ ހުހަށް ކަމަށް ވިދާޅުވެފައެވެ. އަދި އެ ފްލޯތަކުގެ ރީޑިން ފޮޓޯ ލިބިފައި ނުވާއިރު ޖޫން މަހު ރީޑިން ނަގާއިރު އެ މީޓަރުތަކުން ރީޑިން ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒާހިރު ވިދާޅުވީ ފާއިތުވީ ދެ މަސް ދުވަހުގެ ތެރޭގައި ވެސް އެވްރެޖު ބިލް ލިބިފައިވަނަ ޖޫން މަހުގެ ތެރޭގައި ބިލަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ. ބައެއް ފިހާރަތަކުގެ ވިޔަފާރިތައް ވެސް ހުއްޓި އެއްވެސް ވަރަކަށް ކަރަންޓު ބޭނުންކޮށްފައި ނުވާއިރު ޒާހިރު ވަނީ މި މަހު އެތަންތަނުން ކަރަންޓު ރީޑިން ނެގޭނެ އިންތިޒާމު ހަމަޖެސުމަށް އެދިފައެވެ. އަދި ރީޑިން ނުނެގިއްޖެ ނަމަ މި މަހު ވެސް ކަސްޓަމަރުންނަށް ދާނީ އެވްރެޖު ބިލެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޖޫން މަހުގެ ރީޑިން ނެގުމާއި ބެހޭގޮތުން ސްޓެލްކޯއިން ބުނެފައިވަނީ ނިމިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ވެސް ބިލު ތައްޔާރުކޮށްފައިވަނީ ކުންފުނީގެ ވެބްޕޯޓަލް މެދުވެރިކޮށް ލިބެމުން އައި މީޓަރުގެ ފޮޓޯތަކަށް ކަމަށެވެ. މިގޮތަށް އަމަލު ކުރާ އުސޫލެއް ކަނޑައެޅި ނަމަވެސް ބައެއް ކަސްޓަމަރުންނަށް ދަތިތަކެއް ހުރިކަން ފާހަގަކުރެވިފައި ވާ ކަމަށް ވެސް ބުންޏެވެ.

ދަރުބާރުގޭގައި މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، ޖޫން މަހުގެ ބިލުން ވެސް ޑޮމެސްޓިކް މީޓަރުގެ 40 އިންސައްތަ ޑިސްކައުންޓު ދީފައިވާނެ ކަމަށެވެ. އަދި ރަށްތަކުގެ ފެނުގެ ހިދުމަތް ދޭއިރު އެ ބިލުތަކުން 30 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ. މުޣުނީ ވިދާޅުވީ ބިލުގެ ޒަރިއްޔާއިން ސަބްސިޑީގެ ގޮތުގައި އެ ގޭބިސީއަކަށް ލިބިފައިވާ އަދަދު އެނގޭނެ ކަމަށެވެ. ކަރަންޓު ބިލު އެކިއުރޭޓު ވާނީ އެ ގެއެއްގެ މީޓަރު ބޯޑުގެ ފޮޓޯއެއް ފޮނުވުމުން ކަމަށާއި، އަދި ބިލުން ދީފައިވާ ލުއިތައް ވެސް ލިބޭނީ އޭރުން ކަމަށް މުޣުނީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް