މާލޭގެ މަގުތަކުގެ ފެންވަރު އިންތިހާއަށް ދަށް، ހިނގާބިނގާވެ އުޅުން ބޮޑު ތަކުލީފަކަށް!
މާލޭގެ މަގުތަކަށް ވަނީ ވަރަށް ބޮޑަށް ހަލާކުވެ މަރާމާތު ކުރަން ޖެހިފައި/ ފޮޓޯ: ޕީއެސްއެމް

މާލޭގެ މަގުތަކުގެ ހާލަތު ވަނީ ވަރަށް ބޮޑުތަނުން ދަށްވެފައެވެ. އަޑިގުޑަންތައް ގިނަ ވުމާއި، މަރާމާތު ނުކުރެވި ދުވަސްތައް ދިގުލައިގެން ދިއުމުގެ ސަބަބުން ގެއްލުންތަކެއް މަގުތަކަށް ވަނީ ލިބިފައެވެ. މާލޭގެ މަގުތަކަށް ފަރުވާއެއް ނެތް ބައްޔެއް ޖެހިފައިވާ ކަހަލައެވެ. ލައްކައެއްހާ މީހުން މި ސިޓީގައި ދިރިއުޅެމުން އަންނައިރު ކިރިޔާ ވެސް ރަނގަޅު ފެންވަރެއްގެ މަގަކަށް އޮތީ މަޖީދީ މަގެވެ. އެ ވެސް އެއްކޮޅުން އަނެއްކަޅަށް މަގު ލެވެލްކޮށް، މަރާމާތުކޮށްފައި ވާތީއެވެ.

ސިޓީއެއްގެ ފެންވަރު އެންމެ ރަނގަޅަށް ވަޒަންކޮށްދެނީ އެ ތަނެއްގެ މަގުތަކުން ކަމަށްވާއިރު، ރާއްޖޭގައި އެއާއި އިދިކޮޅެވެ. ސިންގަޕޫރާއި އަދި އެ ނޫންވެސް މޮޅު ބޮޑެތި ގައުމުތައް މިސާލެއްގެ ގޮތުގައިބަލައިގެން ގެންނަ ތަރައްގީއިން މާބޮޑު ކުލަ ޖެހުމެއް ނުފެނެއެވެ. ދޭތެރެއަކުން ބޮޑު ރަސްމިއްޔާތެއް ބޭއްވުމަށްފަހު، ވަކި މަގުތަކެއްގެ މަރާމާތުގެ މަސައްކަތް ކުރިޔަށް ގެންދާނެކަން އިއުލާނު ކުރެއެވެ. އަދި އެ މަސައްކަތް ފެށޭވެސް މެއެވެ. އެހެން ނަމަވެސް އޭގެ ފަހުން ކޮންމެވެސް މައްސަލައެއް ނުވަތަ ދައްޗެއް އައިސް މަޑުމަޑުން މަސައްކަތް ހުއްޓިދެއެވެ.

މާލޭގެ މަގުތަކުގައި އެންމެ ފުރަތަމަ ގާއަޅައި ތަރައްގީކުރީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައެވެ. އޭރު މުޅި މާލޭގައި ގައު އަތުރައި އެ ޒަމާނާ އެކަށީގެންވާ ފެންވަރަކަށް މަގުތައް ހެދި އެވެ. އެހެން ނަމަވެސް، މާލޭގެ އާބާދީ އިތުރުވުމާއި، ބަރު އުޅަނދުތައް ގިނަވުމުގެ ސަބަބުން މަގުތަކަށް ލިބެމުންދާ ގެއްލުންތައް ވަނީ އިތުރުވަމުންނެވެ. އަދި މަރާމާތުނުކޮށް ދޫކޮށްލާފައިވުމުން މާލޭގެ މަގުތައް ވަނީ "ފުނޑިފަ" އެވެ.

އެފަހުން އައި އެއްވެސް ވެރިކަމެއްގައި މާލޭގެ މަގުތަކުގެ ކުޑަ އިންސައްތައެއް ނޫނީ މަރާމާތު ކުރެވިފައެއް ނެތެވެ. އެގޮތުން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ ތެރޭގައި މާލޭގެ މަގުތައް ރަނގަޅު ފެންވަރެއްގައި ހެދުމުގެ މަސައްކަތް އިފްތިތާހު ކުރިއެވެ. އޭރު އާއްމު ކުރި އިއުލާނުގައި އޮތީ މާލޭގެ 13 މަގެއް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމަށެވެ. އޭރު ސަރުކާރުން ނިންމީ، މަގުތަކުގެ ގާތައް ނެގުމަށްފަހު، ލެވެލް ކުރުމަށެވެ. އަދި އާއްމު ގޮތެއްގައި ވިއްސާރަވާ ދުވަސްތަކު މާލޭގެ ބައެއް މަގުތަކުގައި އާއްމުކޮށް ފެންބޮޑުވާ މައްސަލަތައް ހައްލު ކުރުމުގެ ގޮތުން ހުރިހާ މަގެއް ލެވެލްކޮށް، ކާނުތައް ސާފު ކުރުން ވެސް އޭގެ ތެރޭގައި ހިމެނިއެވެ.

މާލޭގެ މަގުތަކަށް ވަނީ ވަރަށް ބޮޑަށް ހަލާކުވެ މަރާމާތު ކުރަން ޖެހިފައި

އޭރު ނިންމީ ކާނުތައް ކުރިޔަށް ވުރެ ބޮޑު ކުރާށެވެ. އަދި އެއް ކާނު އަނެއް ކާނުއާއި ގުޅުވުމަށް ބޮޑެތި ހޮޅިތައް ވަޅުލާނެކަމަށް އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މާލޭގެ މަގުތައް މިހާރު ހުންނަގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޕޭވްމެންޓަށް އެރުމުގައި ދަތިތަކެއް އެބަހުއްޓެވެ. ނަމަވެސް އޭރު ރައީސް ޔާމީންގެ ސަރުކާރުން ނިންމި ހަމައެކަނި މަގަކީ މަޖީދީ މަގަށްވާއިރު އެ މަގު މަރާމާތުކޮށްފައިވަނީ އެ ކަންކަމަށް އިސްކަން ދީގެންނެވެ. އެހެން ނަމަވެސް އެއައި ވިދިގެން ދެން އައި މައްސަލަތަކަކީ އެ މަގެއް ނިމޭ ހިސާބުގައި ވެހިކަލްތައް ޕާކު ކުރުމުގެ މައްސަލަތަކެވެ. އަދި ހޮޅިތައް ވަޅުލާފައި ހުންނަ، ނުވަތަ ޕެލެޓު ބަހައްޓާ މައްސަލަތަކެވެ.

ބައެއް މަގުތަކުން ދުވާރު ލޮލަށް ނުފެންނައިރު، ހިނގަހިނގާ ހުއްޓާ ކުރިބެދިދާނެއެވެ. ޕާކުކޮށްފައި ހުރި އުޅަނދުތަކުގެ ސަބަބުންނެވެ. މީގެ އިތުރުން، ދުވާރު މަތީގައި ހުންނަ އަޑިގަނޑުގަނޑަށް އޮޅިގެން ފައި އެޅޭ ފަހަރެއްގައި ވެއްޓި ހާނިއްކައެއް ލިބިދާނެއެވެ. ދުވާރު މަތީގައި އަޅާފައި އޮންނަ ހޮޅިތަކުގެ އުނދަގޫތައް ވެސް އެހާ ބޮޑެވެ.

މާލޭގެ މަގުތަކަށް ބަލާއިރު، ދޭތެރެއަކުން އެކި ކުންފުނިތަކުން ކުރާ މަސައްކަތްތަކަށް ގާތަށް ނަގާ ކޭބަލްތައް ވަޅުލައެވެ. އެހެން ނަމަވެސް އެ ކޭބަލްއެއް ވަޅުލަން ގާތައް ނަގާގޮތަށް އަލުން އެ ގާތައް އަތުރާލެވޭހާ ހިއްވަރެއް ނުހުރެއެވެ. ގާތަށް އަތުރާލިޔަސް ހުންނަނީ ބޭނުން ގޮތަކަށެވެ. އެހެން ކަމުން ރަނގަޅު އިންތިޒާމެއްގެ ދަށުން މިކަންކަން ބެލެހެއްޓެން ޖެހެއެވެ.

މާލޭގެ މަގުތަކަށް ވަނީ ވަރަށް ބޮޑަށް ހަލާކުވެ މަރާމާތު ކުރަން ޖެހިފައި/ ވިއްސާރަ ދުވަހެއްގައި އަމީނީ މަގު: ފޮޓޯ- ސަން

ވިއްސާރަ ދުވަހެއްގައި، ކިތަންމެ ކުޑަކޮށް ވާރޭ ވެހުނު ނަމަވެސް މާލޭގެ ފާހަގަކުރެވޭ ބައެއް މަގުތަކުގައި އިންތިހާއަށް ފެންބޮޑުވެއެވެ. އޭގެ ތެރޭގައި ކަނބާއައިސާރަނި ހިނގުމާއި، އަމީނީ މަގާއި، އަދި ލިލީ މަގާއި، މާވެޔޮ މަގު ފާހަގަކުރެވެއެވެ. މި ހަތަރު މަގަކީ އާއްމުކޮށް ގިނައިން މީހުން ބޭނުން ކުރާ މަގުތަކެވެ. އަދި އެންމެ ބޮޑަށް ތޮއްޖެހޭ މަގުތައް ވެސް މެއެވެ. މީގެ ކުރިން ވަންވޭއެއްގެ ގޮތުގައި އޮތް ލިލީ މަގު ޓޫވޭ މަގަކަށް ވެސް ބަދަލު ކުރުން ވެގެންދިޔައީ އެ މަގަށް ގެއްލުންތައް ވެ، ބާރުބޮޑުވާން މެދުވިވީ އެއް ސަބަބަށެވެ.

މީގެ އިތުރުން އަމީނީ މަގާއި، ކަނބާއައިސާރަނި އަކީ ބޮޑެތި ބަރު އުޅަނދުތައް ދުއްވާ މަގެކެވެ. ހާއްސަކޮށް ކަނބާއައިސާރަނި އަކީ ބަރު ވެހިކަލްތައް ދުއްވާ މަގަކަށްވާއިރު އެ މަގުގައި އަޑިގުޑަންތައް ވަރަށް ވެސް ގިނައެވެ.

ފާއިތުވީ ބައެއް ދުވަސްތަކުގެ ތެރޭގައި، ކޮވިޑުގެ ހާލަތު މާލެއަށް ދިމާވުމުގެ ކުރިން މާލޭގެ ބައެއް ކުދިކުދި މަގުތައް މާލޭ ސިޓީ ކައުންސިލުން މަރާމާތުކޮށްފައިވެއެވެ. އަދި ގެއްލުންލިބިފައިވާ ބައެއް ޕޭވްމެންޓުތައް ވެސް ރަނގަޅުކޮށްފައި ވެއެވެ.

މާލޭގެ މަގުތަކަށް ހައްލުތަކެއް ބޭނުންވެއެވެ. އެތައް ހާސް ބަޔަކު ދިރިއުޅޭ ސިޓީއެއްގެ މަގުތަކުގެ ހާލަތު ހުންނަންޖެހޭނެ ހާލަތަކީ މިއީ އެއް ނޫނެވެ.

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް