ލުޠުފީއަށް މަރުގެ އަދަބު ތަންފީޒުކުރަންކެރޭ ވެރިއަކު ހަމަ ނާންނާނެހެއްޔެވެ!
ޢަބްދުﷲ ލުޠުފީ. ފޮޓޯ: ސޯޝަލް މީޑިއާ

ޠަބީޢަތުގައި ހުރި ގޮތޭ ބުނެފައި، ކޮންމެކަމެއް ހިތަށްއެރި ގޮތަކަށް ކުރުމަކީ މަޤުބޫލު އުޒުރެއްކަމަކަށް ބެލެވޭނެ ޖާގައެއްނެތެވެ. ނުވަތަ އޭނާ ކުށެއްކުރީ "ބޯގޯސް" ވެެގެންނޭ، ނޫންނަމަ ސިކުނޑީގައި ހުރި އުނިކަމަކުންނޭ ބުނެފައި ކުށްވެރިޔާ މުޖުތަމަޢުތެރެއަށް ދޫކޮށްލުމަކީ ވެސް ޤަބޫލުކުރެވޭކަމެއްނޫނެވެ. ހަމަ އެފަދައިން ކުށްކުރާ އިންސާނާއަށް ޙައްޤު އަދަބުނުދިނުމަކީ ވެސް، ބަލައިގަނެވޭނެކަމެއްނޫނެވެ. އިންސާނީ ޙައްޤުތަކޭ ކިޔައިގެން އެ ކުށަކަށް ދޭންޖެހޭ ޙައްޤު އަދަބު ނުދިނުމަކީ ވެސް މުޖުތަމަޢު ބަލައިގަންނާނޭކަމެއް ނޫނެވެ.

ނަމަވެސް ހާލަތު ހުރީ އެއާއި ދިމާ އިދިކޮޅަށެވެ. އަބަދުވެސް އިވެނީ ތުހުމަތުކުރެވޭ ފަރާތުގެ ތަޙުޤީޤު ކުރިއަށްދާ ވާހަކައެވެ. އޭގެ އަނެއްދުވަހު ފެންނަނީ މުޖުތަމަޢުތެރޭގައި އުޅެންމުންދާ މަންޒަރެވެ. އެއްވެސް ހާލެއްގައި މިއީ ބަލައިގަނެވޭނެކަމެއް ނޫނެވެ. ވެރިަމުގެ ދައުރަކަށްފަހު ދައުރެއް ބަދަލުވަމުން އައިސް އަދިވެސް އޭނާ އަށް ޙައްޤު އަދަބެއް ނުލިބެއެވެ.

އާދެ، އަޅުގަނޑު މި ދައްކަނީ 19 މީހުން ޝަހީދުވެގެންދިޔަ ނުރައްކާތެރި ހަމަލާ ދިނުމުގައި އިސްކޮށްހުރި ހެންވޭރު ހާޖަރާގޭ ޢަބްދުﷲ ލުޠުފީގެ ވާހަކައެވެ.
1968 ވަނަ އަހަރުގެތެރޭގައި އޭރު އޮތް ސަރުކާރު ބަދަލުކުރުމަށް ރޭވި ރޭވުންތަކުގައި ޢަމަލީގޮތުން ލުޠުފީ ބައިވެރިވެފައިވާކަމީ ދިވެހިން ހަނދާންނެތޭނެކަމެއް ނޫނެވެ. ދަޢުލަތާއި، ވަޒީރުލްއަޢުޠަމާއި ދެކޮޅަށް ރޭވުނު އެ ނުބައި ރޭވުމުގައި ދެ ފިސްތޯލައާއި ވަޒަނާއި ރާއްޖެއަށް އެތެރެކޮށް އެ ފިސްތޯލަ ބޭނުންކުރާ މީހާކަމުގައި 20 އަހަރުގެ ޒުވާން ލުޠުފީ އިސްނަގާފައިވާކަމުގެ ހަނދާން އަޅުގަނޑު ހިތުން ދިވެހިންގެ ހިތުން ކެހިގެނެއްނުދާނެއެވެ.

ލުޠުފީގެ މި ބަޣާވާތް ނާކާމިޔާބުވުމުން ކުށަށް އިޢުތިރާފުވުން ނޫންގޮތެއް އޭނާއަކަށްނެތެވެ. މި ގޮތުން 23 މާޗް 1968 ވަނަ އަހަރުގައި، 18 އަހަރަށް ލުޠުފީ ޖަލަށްލެވުނެވެ. ނަމަވެސް ޖަލުގައި 4 އަހަރާއި، 4 މަހާއި، 18 ދުވަސް ވޭތުވި ހިނދުގައި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ނާޞިރު މަޢާފުދެއްވައި ލުޠުފީ ޖަލުން މިނިވަންކޮށް ދޫކޮށްލިއެވެ. އެއީ 1972 ވަނަ އަހަރުގެ އޯގަސްޓުމަހުގެ 5 ވަނަ ދުވަހުގައެވެ.

ނަމަވެސް އެއާއި ވިދިގެން އައި އަހަރުތަކުގައި ވެސް ލުޠުފީގެ އުޅުމަކަށް ބަދަލެއްނައެވެ. މި ގޮތުން އޭނާގެ ޢަމަލުތައް ހުރިގޮތުން އެއީ މުޖުތަމަޢުއަށް ދޫކޮށްލާފައި ބެހެއްޓޭފަދަ މީހެއްނޫންކަން ދިވެހި ދަޢުލަތަށް ފެނުމާއެކު، 1975 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު ޖަލުގައި ހައްޔަރުކުރުމަށްފަހު، 18 ނޮވެމްބަރު 1976 ގައި ހއ.އުލިގަމަށް އަރުވާލެވުނެވެ. އެހެންބަހައްޓާފައި އަނެއްކާވެސް ލުޠުފީ ޖަލަށް ގެންދެވުނެވެ.އެއަށްފަހު އެ އަހަރުގެ އޯގަސްޓުމަހުގެ 06 ވަނަ ދުވަހު ޖަލުން ގެއަށް ގެންދެވުނެވެ. މި ގޮތުން، 1978 ވަނަ އަހަރުގެ ޖޫންމަހުގެ 17 އާއި ހަމައަށް ގޭ ބަންދުގައި ލުޠުފީ ހޭދަކުރިއެވެ.

ލުޠުފީ ގޭ ބަންދުން ވީއްލުމާއެކު އަނެއްކާވެސް ހިތަށް އެރިހައިގޮތަކަށް ދުވަސްތައް ވޭތުކުރަމުންދިޔައެވެ. އެ ދުވަސްވަރުގައި، ބޭރު ޤައުމުތަކާއި މެދު ކުރެވޭ ވަގު ވިޔަފާރިތަކުގައި، ލުޠުފީގެ ހިއްސާ ނުހަނު ވެސް ބޮޑެވެ. ޤާނޫނާއި ޤަވާއިދުތަކަކީ ލުޠުފީގެ ކުރިމަތީގައި އެއްވެސް އެއްޗެއްނޫނެވެ. ލިބޭ ފައިސާގެ މިންވަރު މަދުވުމާއެކު ރާއްޖެއިން ބޭރުކުރުން މަނާކޮށްފައިވާ ކަހަނބު ޤަވާއިދާއި ޚިލާފަށް އެކްސްޕޯޓްކުރަން ރާވާކަމުގެ މަޢުލޫމާތު ދިވެހި ސަރުކާރަށް ލިބުމާއެކު މ.ވިލުދޮޅީގައި އަނެއްކާވެސް ލުޠުފީ ގޭ ބަންދު ކުރެވުނެވެ.

ނަމަވެސް ލުޠުފީގެ ރޭވުންތަކަކަށް ބަދަލެއް ނާދެއެވެ. ހިތް އޮންނަނީ އަރާ އާސްމާނުގައެވެ. ޤާނޫނާއި ޤަވާއިދާއި، ސަރުކާރަކީ ލުޠުފީ ދަންނަ އެއްޗެއްނޫނެވެ. އެއަށްވުރެ ލުޠުފީގެ އަމިއްލަ އެދުން މާ ބޮޑެވެ. މި ގޮތުން މ.ވިލުދޮޅީގައި ހުންނަވައިގެން އައްޑު އަތޮޅު ހިތަދޫ ޒަމާނީގޭ ޢަބްދުﷲ ޝާހިދާއި، މއ.ތިނަދޫގޭ ޢުމަރު ޖަލާލާއި ބައްދަލުކޮށް އެކިއެކި ވާހަކަތައްދައްކައި ލުޠުފީގެ ޚިޔާލުފާޅުކުރެއެވެ.  ސަރުކާރު ރަނގަޅު ނޫންކަމަށާއި، ޢަދުލު އިންސާފެއް ނެތްކަމަށާއި، އުފާކުރާނޭ ގޮތެއް ނެތްކަމަށާއި، ސެންސަރުކޮށްފައި އޮތް ފިލްމެއް ބެލުން ފިޔަވައި މި ތަނުގައި އެއްވެސްކަމެއް ނުކުރެވޭކަމަށް ލުޠުފީ ބުނެ އުޅުނެވެ. އަދި ދަޢުލަތުގެ އެންމެ އިސްވެރިންނަކީ ލުޠުފީ ރުޅިއަންނަ ފަރާތްތައްކަމަށާއި، ސަރުކާރު ބަދަލުކުރުމަށް ވާހަކަދައްކައި ޚިޔާލު ބަދަލުކޮށް ލުޠުފީ އުޅުނެވެ. މި ގޮތުން ހަތިޔާރާއެކު ރާއްޖެއަށް އަރައިގެންނޫނީ ސަރުކާރު ބަދަލުނުކުރެވޭނެކަމަށް ތިން މީހުންގެ މެދުގައި ޚިޔާލުބަދަލުކޮށް ހެދިއެވެ. މިފަދަ އެތައް ރޭވުންތަކެއް ލުޠުފީ ކުރިއަށްގެންދިޔައެވެ.

ނޮވެމްބަރު 3 ގެ ޢުދުވާނީ ހަމަލާއަށްފަހު ލުޠުފީ ހައްޔަރުކޮށްގެން ގެންދާ މަންޒަރު. ފޮޓޯ: ސޯޝަލް މީޑިއާ

1986 ވަނަ އަހަރު އޮކްޓޫބަރު 29 ގައި ލުޠުފީ ގޭބަންދުން ވީއްލުމާއެކު، ރާއްޖެއިން ފުރައިގެން ލަންކާއަށްދިޔައެވެ. އެއަށްފަހު ލަންކާގެ "ޕްލޮޓް" ޖަމާޢަތާއި ގުޅިގެން، ނޮވެމްބަރު 03 ގެ ޢުދުވާނީ ހަމަލާއަށް ތައްޔާރުވިއެވެ. އެ ހަމަލާގައި ލުޠުފީގެ އިތުރުން، ސ.ހިތަދޫ ޕެރިސް ހޮލިޑޭ އަޙްމަދު ނާޞިރާއި، ސ.ހިތަދޫ ޒަމާނީގޭ ޢަބްދުﷲ ޝާހިދާއި، ހ.ކަރޯގޭ ކަރޯ ޢައްބާސް އިބްރާހީމާއި، މ.ދުއްލިސާގޭ އިބްރާހިމް ނަޢިމާއި، މ.ދީފުރަމްއާގޭ ސިއްކަ އަޙްމަދު އިސްމާޢީލް މަނިކާއި، މއ.ތިނަދޫގޭ ޢުމަރު ޖަލާލު ބައިވެރިވިއެވެ.

މި 07 މުޖުރިމުން ނޮވެމްބަރު 03 ގައި ރާއްޖެއަށް އަރައި އަމަންއަމާންކަން ނަގާލައި، 19 ދިވެހިން ޝަހީދުކުރި ކުރުމަކީ، މި ދިވެހި ޤައުމު އެ މީހުންނަށް ޢުމުރަށް މަލާމާތް ރައްދުކުރާނޭކަމެކެވެ. ކަން މިހެން ހުރިއިރު ޙައްޤު އަދަބުދޭންވާ ފަރާތްތަކަށް ހައްޤު އަދަބުދޭންޖެހެއެވެ. ލުޠުފީއެއްކަމަކު ޖަލުގައި ހުންނާކަށް ނުވަތަ މުޖުތަމަޢުއަށް ދޫކޮށްލުމަށް ފުރުޞަތުދެވިގެން ނުވާނެއެވެ. މަރަށް އޮންނާނީ މަރެވެ.

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް