އެއީ ޝުކުރު ޙައްޤު ދިވެހި ދަރިއެކެވެ. (ފުރަތަމަ ބައި)
އިބްރާހިމް ދޮށިމޭނާ ކިލެގެފާނާއި، އެ މަނިކުފާނަށް ނިސްބަތްވާ އިބްރާހީމީ މިސްކިތުގެ އިހުގެ ފޮޓޯއެއް. ފޮޓޯ: ލޫކަސް ޖަލީލް

” ޢިއްޒަތާއި ޝަރަފެއްގެ މަތިވެރި، އޭ އަރާހުރި ބަޠަލެކޭ،   ޢިއްޒަތުއްނަފުސެއްގެ އަގުހުރި ލާމަސީލު މިސާލެކޭ “

އާދެ! އިސްވެދިޔަ ބައިތުގައި، ސުއްމުވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު، އެ އިޝާރާތްކުރައްވަނީ ކޮންބޭފުޅަކަށްތޯއެވެ. އެއްވެސް ޝައްކެއް ނެތެވެ. އެ ވިދާޅުވާ ލާމަސީލު މިސާލަކީ، މުޅި ޤައުމު އެބޭފުޅަކަށް ޓަކައި، ފަޚުރުވެރިވުން ޙައްޤު ނާދަލު މިސާލެކެވެ. މި ޤައުމު ދުށް ވަރުގަދަ ސިޔާސީ މުޙައްނިކެކެވެ. ހިންމަތްތެރި މުޞްލިޙެކެވެ. ޚިދުމަތްތެރި މުޢާވިނެކެވެ. ޙިކުމަތްތެރި މުޢައްލިމެކެވެ. ހިންގުންތެރި އިސްދާރެކެވެ. ވަފާދާރު ވަޒީރެކެވެ. ލަފާދާރު ދަރިއެކެވެ. ޒިންމާދާރު ބައްޕައެކެވެ. އަދި ކީއްތޯއެވެ. އޭނާއަކީ ޤައުމިއްޔަތު ދިރުއްވެވި، ޙުއްރިއްޔަތު ދެމެހެއްޓެވުމަށް މަސައްކަތްޕުޅުކުރެއްވި، ޤާބިލް ޝަޚްސިއްޔަތެއްމެއެވެ.

އާދޭހެވެ. އަޅުގަނޑުގެ ގަލަން ފިރުކައިލާ ހިތްއޮތީ، އެ ޢިއްޒަތްތެރި ބޭފުޅާގެ، މަތިވެރި މަތިކޮޅަށް އަލިކަމެއް އަޅުވައިލުމަށް ފަހުގައެވެ. އޭނާގެ މަތިކޮޅަކީތޯއެވެ. އާދޭހެވެ. އޭނާއަކީ، މާލެއަތޮޅު ހުރާގެ، ދޮންމަރުދުރު ފަނޑިއްކިލެގެފާނުގެ، އިބްރާހިމް އެދުރުތަކުރުފާނުގެ، ޢަލީ ބޮޑުމުރީދު ތަކުރުފާނުގެ، ޙުސައިން ދޮށިމޭނާކިލެގެފާނުގެ، އަޙްމަދު ދޮށިމޭނާކިލެގެފާނު(ދޮން އަޙްމަދު ދީދީ)، ނައިފަރުގޭ މަރްޔަމް މަނިކެއާއި ކައިވެނިބައްލަވައިގެން ލިބިވަޑައިގެންނެވި ޢަލީ ދޮށިމޭނާކިލެގެފާނުގެ ދޮށީދަރިކަލުންނެވެ. މަންމާފުޅަކީ މާލޭ ދީނުކަލޭފާނުގެ މަރްޔަމް މަނިކެއެވެ.

އާދެ! ހިޖުރައިން ބާރަސަތޭކަ ހައްޓިވަނަ އަހަރުގެ، ޖުމާދުލްއޫލާ މަހުގެ ފަނަރަވީ ހުކުރު ދުވަހަކީ، ޢަލީ ދޮށިމޭނާ ކިލެގެފާނާއި، މާލޭ ދީނު ކަލޭފާނުގެ މަރްޔަމް މަނިކެއަށް، ޚާއްސަ އުފައުފުޅެއް ލިބިވަޑައިގެންނެވި ދުވަހެކެވެ. ކޮންކަމަކާތޯއެވެ…؟ ވަހުމެއްނެތެވެ. އެ ބަރަކާތްތެރިވީ ހުކުރު ދުވަހަކީ، އެ ދެމަފިރިކަނބަލުންގެ ޙަޔާތުގެ ޙަޤީޤީ ތަރި، މި ދިވެހި އާފާޤުން ފާއްދައިލި ދުވަހެވެ. ދިވެހިރާއްޖޭގެ މުސްތަޤުބަލު ރޯޝަންކުރާނެ، ނޫރާނީ ސޫރުދަ ފެނުންތޮޅިލި ދުވަހެވެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ، އެ ދެމަފިރިކަނބަލުންގެ ހަހަރުވެތ ިދޮށީ ދަރިކަލުން، މި ހަސްތީގެ އަލިކަން ދެކެވަޑައިގަތްދުވަހެވެ. ކޮންތަނެއްގައިތޯއެވެ…؟ އާދޭހެވެ. ހެންވޭރު އަތިރީގޭގައެވެ.

އެ ޢިއްޒަތްތެރި ބޭފުޅަކީތޯއެވެ. ގަލޮޅުގޭ ޢަލީ ދޮށިމޭނާކިލެގެފާނާއި، މަރްޔަމް މަނިކެގެ ދޮށީ ދަރިކަލުންނަކީތޯއެވެ..؟ ސުއްމުވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު، އެ ވިދާޅުވާ ބަޠަލަކީތޯއެވެ..؟ ޝައްކެއްނެތެވެ. އޭނާއަކީ…. އާދެ! ދިވެހި ދީބު ދުށް އަގުހުރި ތިން ބަޠަލުންކަމުގައިވާ، ސުއްމުވުލްއަމީރުލްޙާއްޖަ އަޙްމަދު ދޮށިމޭނާ ކިލެގެފާނާއި، ސުއްމުވުލް އަމީރުލްޙާއްޖަ ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނާއި، ޢަބްދުލް ޙަމީދު ދީދީގެ އަހުރަވެތި ބައްޕާފުޅެވެ. ހަމަ އެހެންމެ ދިވެހި އަދަބީ ގުލިސްތާނުން ފޮޅުނު ”އޯކިޑު“ ސުއްމުވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނާއި، ދިވެހި ސަރިދާލޭސް އެންމެ ފަހުން ފަޅުފިލުއްވެވި، އައްސުލްޠާނު މުޙައްމަދު ފަރީދުލް އައްވަލްގެ ލޭފަވެތި ކާފާފުޅެވެ. އާދޭހެވެ. އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބު ވިދާޅުވެފައިވާ ”ހުރާ ގުލްޒާރު ފަރިކުރި މާތަކުގެތެރެއިން ފަޚުރަކަށްވާ“ ސުއްމުވުލްއަމީރުލް ޙާއްޖަ އިބްރާހިމް ދޮށިމޭނާކިލެގެފާނެވެ.

ސުއްމުވުލްއަމީރު މުޙައްމަދު އަމީންދީދީ ވިދާޅުވިގޮތުގައި، އިބްރާހީމް ދޮށިމޭނާ ކިލެގެފާނަކީ، ”ފަސް ފޫޓެއްހައި ދިގުމިނުގެ، ބައިމަތިފުޅު ފުޅާ، ހައިބަވަންތަ، ދޮން، ހަށިކޮޅު ސީދާ، ”އަބުއި“ ބޭފުޅެކެވެ.“

އާދޭހެވެ. އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ޢިލްމުވެރިކަމޭތޯއެވެ. އެއްވެސް ޝައްކެއްނެތެވެ. އެ ކިލެގެފާނަކީ، އޭރު ސާސްތުރަވަތީގައި ހުންނެވި އެންމެ ޢިލްމުވެރި، ތަންދޮރު ދެނެވަޑައިގަންނަވާ ބޭފުޅާކަމީ ވަންހަނާވެގެންވާ ކަމެއްނޫނެވެ. މިހެނީ، އެކިލެގެފާނަކީ، އެ ޒަމާނުގައި ދިވެހިރާއްޖެއިން ޢިލްމު ޙާޞިލު ކުރެވޭން އޮތް އެންމެ ފުރިހަމައަށް، ޢިލްމު ޙާޞިލު ކުރެއްވެވި ބޭފުޅެއްމެއެވެ. އެއަށްފަހު ކަލްކަތާއަށް ވަޑައިގެން، އެތަނުގެ މަދަރުސާއެއްގައި ހައެއްކަމަސް ވާންދެން އިނގިރޭސި ކިޔަވައި ވިދާޅުވިއެވެ. ދެން…. އާދެ! ދެން ފެނިގެންދިޔައީ، އަމިއްލަފުޅަށް ތަޢުލީމު ޙާޞިލު ކުރައްވަން ފެއްޓެވިތަނެވެ. ޢަރަބި، އިނގިރޭސި، އުރުދޫ ފަދަ ބަސްބަހުން ލިޔެފައިވާ ފޮތްތަކުން، މަޢުލޫމާތުގެ ޚަޒާނާ މުއްސަނދި ކުރައްވަމުން ގެންދެވިތަނެވެ. ހަމައެހެންމެ އެކިލެގެފާނަކީ، ދިވެހިބަހުގެ އަދަބުތައް ވެސް ދެނެވަޑައިގެންވާ ބޭފުޅެކެވެ. ދިވެހިބަހުގެ ގިނަ ލަފުޒުތައް ދެނެވަޑައިގަންނަވާ ބޭފުޅެއްމެއެވެ. އާދެ! ޖަރުމަނުންގެ މަޝްހޫރު ޕުރޮފެސަރު، ވިލްހެލްމް ގައިގަރ، ލިޔުއްވާފައިވާ ފޮތް ”ދިވެހިބަހުގެ މުޠާލިޢާ“ ލިޔުނީ ވެސް، އިބްރާހީމް ދޮށިމޭނާ ކިލެގެފާނާއި، އެ ކިލެގެފާނުގެ ދޮށީދަރިކަލުން އަޙްމަދު ދޮށިމޭނާ ކިލެގެފާނުގެ އަރިއަހުން ލިބުނު އަގުނުކުރެވޭފަދަ އެހީތެރިކަމުގެ ނަތީޖާއެއްގެ ގޮތުންކަމަށް، މުޙައްމަދު އަމީން ދީދީ ވިދާޅުވެފައިވެއެވެ. އަދި ކީއްތޯއެވެ. އެކިލެގެފާނަކީ، ފަރާސަތުގެ މޮޅު ޢިލްމުވެރިއެއް ވެސް މެއެވެ.

ހަމަ އެހެންމެ އެ ކިލެގެފާނަކީ، ދީނަށް ނުހަނު ލޯބިފުޅުކުރެއްވި ބޭފުޅެކެވެ. ޢިލްމުވެރިންނަށް ކަމޭހިއްތެވި ބޭފުޅެކެވެ. ސައްޔިދު ބޭކަލުންނާއި، ދަންނަބޭކަލުންގެ އަރިހުގައި އުޅުއްވާ، އެ ބޭކަލުންގެ ދަރެސްތަކުން މަންފާ ހޯއްދެވި ބޭފުޅެކެވެ. މިސްކިތަށް ވަޑައިގެން ޖަމާޢަތުގައި ފަރުޟު ފަސް ނަމާދު ކުރެއްވެވި އަޅުވެރި ބޭފުޅެކެވެ. ޤުރްއާން ތިލާވަތު ކުރެއްވުމުގައި ވަގުތުތައް ހޭދަކުރެއްވެވި ބޭފުޅެކެވެ. ޒިކުރު ކުރުމުގައި ދޫފުޅު ތެތްކޮށް ބޭއްވެވި ބޭފުޅެކެވެ. ޙައްޖުގެ މަތިވެރި އަޅުކަން ދެފަހަރު މަތިން އަދާކުރެއްވި ބޭފުޅެކެވެ. ފަޤީރުންނާއި މިސްކީނުންނަށް މަދަދުކުރެއްވި މަދަދުގާރެއްމެއެވެ. ޤައުމުގެ ދަރީންނަށް ނަސޭހަތާއި ވަސޭހަތްދެއްވި މުރުޝިދެއްމެއެވެ.

އާދެ! އަޅުގަނޑުގެ ގަލަން ކުރިއަަށް ހިންގައިލާނީ، ފަޟީލަތުއްޝައިޚް ޢަބްދުﷲ ޖަލާލުއްދީނަށް، އިބްރާހީމް ދޮށިމޭނާކިލެގެފާނު ދެއްވާފައިވާ އަގުހުރި ނަސޭހަތްފުޅުތަކެއްގެ ހަނދާންއާކޮށްލުމަށް ފަހުގައެވެ. ”އެދުވަސްވަރުގައި ދޮޅަހަކަށްރޭ މަޣުރިބުނަމާދާއި ޢިޝާ ނަމާދާއި ދެމެދުގައި އަތިރީގޭ އުތުރު ފެންޑާގައި އަޅުގަނޑުފަދަ ކުޑަކުއްޖަކަށް އެފަދަ ބޮޑުވެރިއަކު ޚާއްޞަ މަޖިލީހެއް ބޭއްވެވިއެވެ. އެރޭތަކުގައި މުޅީންވެސް ދެއްވީ ހެޔޮ ނަސޭހަތްފުޅެވެ. ދިރިއުޅުމުގެ މަތިވެރި ދަރެސްތަކެވެ. އޭގެތެރޭގައި ވިދާޅުވި ތިން ބަސްފުޅެއް އަޅުގަނޑު ދެކެނީ އަޅުގަނޑުގެ ކާމިޔާބުގެ މައިގަނޑުކަމުގައެވެ. އެއްބަސްފުޅަކީ: ފުލުގޮށް ނުޖެހޭށެވެ. (ފުލުގޮށުގެ މާނައަކީ، ކޮންމެވެސް ނުރަނގަޅު ގޮތެއްގައި ކުށްވެރިކަމެއް ސާބިތުވުމެވެ.) އަނެއް ބަސްފުޅަކީ: ކަލޭ ކަމަކަށް އިޞްލާޙެއް ގެންނާން އެދެނީވިއްޔާ އެކަމަކާއިގެން އަމިއްލަވެގަންނާން ނޫޅޭށެވެ. އެދޭ އިޞްލާޙުގެ މައުޟޫޢު ވެރިޔެއްގެ ސިކުނޑިފުޅަށް ވެއްދޭތޯ ބަލާށެވެ. ވަދެއްޖެއްޔާ އެވެރިޔެއްގެ އަތްޕުޅުމަތީގައި، އެކަން އިޞްލާޙު ވެވިދާނެއެވެ. ވެރިޔާއަށް ރީތި ލިބިފާ ކަލެޔަށް ޘަވާބުލިބިދާނެއެވެ. މިނޫން މަގެއް ހިފައިފިއްޔާ ގިނަފަހަރަށް ކާމިޔާބުލިބުން ދުރުވާނެއެވެ. އަދި ބައެއްފަހަރު ކަލެޔަށް ދެރައެއްވެސް ލިބިދާނެއެވެ. އަނެއްބަސްފުޅަކީ، ކަލޭގެ ޙަޔާތުގެ ރައުސްމާލަކީ ތެދުވެރިކަމާ އަމާނަތްތެރިކަން ކަމުގައިލާށެވެ. މިއަށްވުރެ ހެއު އެހީތެރިއެއް ކަލޭގެ އަތެއްގާ ނުހިފާނެއެވެ.“ ( މި ޒަމާނުގެ ދިވެހިރާއްޖޭގެ ޙަޤީޤީ ބައްޕަ، ސ.89 )

ޝައްކަކަށް ވަސްވާހަކަށް ތަނެއް ނެތެވެ. އެ ކިލެގެފާނަކީ، ”ދީނީ ރޮނގުން ކުރިޔަށް އެ ގެންދެވި ނުހަނު ގިނަގުނަ ކަންތަކުން“، ( އަލްމަރުޙޫމާ ފާޠިމަތު ސަޢީދުގެ ޅެމަކުން ) މި ދީބުގެ ދަރިން އާރާސްތުކޮށްދެއްވެވި ބޭފުޅެއްމެއެވެ. އޭގެތެރެއިން ފާހަގަކޮށްލަންޖެހޭ އެއްކަމަކީ، މާލޭގެ ހަތަރު އަވަށަށް، ކުދިންނަށް ޤުރްއާން އުނގަންނަވައިދެއްވާނެ އެދުރުން، ދައުލަތުގެ ފަރާތުން ލެއްވުމެވެ. އާދޭހެވެ. ކޮންމެ އަވަށަކަށް އެދުރެކެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް