އެއީ ޝުކުރު ޙައްޤު ދިވެހި ދަރިއެކެވެ. (ދެވަނަ ބައި)
އިބްރާހިމް ދޮށިމޭނާ ކިލެގެފާނާއި، އެ މަނިކުފާނަށް ނިސްބަތްވާ އިބްރާހީމީ މިސްކިތުގެ އިހުގެ ފޮޓޯއެއް. ފޮޓޯ: ލޫކަސް ޖަލީލް

އާދެ! އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ޢުމުރުފުޅުން އެކާވީސް އަހަރުފުޅުވީތަނާ، އެ ކިލެގެފާނުގެ ބައްޕާފުޅާއެކު ބަނޑޭރިގޭގައި މަސައްކަަތްޕުޅު ކުރައްވާން ފަށްޓަވައިފިއެވެ. އޭރު އެކިލެގެފާނުގެ ބައްޕާފުޅު ހުންނެވީ، ބޮޑު ބަނޑޭރިކަމުގައެވެ. މި ގޮތުގެ މަތިން ދުވަސްތަކެއް ވޭތުވެގެން ހިނގައްޖެއެވެ. ދެން ފެނިގެން ދިޔައީ، އެ ކިލެގެފާނުގެ ބައްޕާފުޅު ބޮޑު ބަނޑޭރިކަމުން އިސްތިއުފާދެއްވި މަންޒަރެވެ. އާދޭހެވެ. ދައުލަތުގެ ކަންތައްތައް ހިނގަމުންދާގޮތް، ޢަލީ ދޮށިމޭނާ ކިލެގެފާނަށް ޤަބޫލުފުޅުކުރައްވަން ދަތިފުޅުވެވަޑައިގަތީއެވެ. ހުރިހާކަމެއް ހިނގަމުންދިޔައީ ޢަލީ ދޮށިމޭނާކިލެގެފާނުގެ ލަފާފުޅާ ދިމާ އިދިކޮޅަށެވެ. އަދި ކިއެއްތަ، ތަށަށްކިޔަނީ މަރިޔަނބުހޭ ވެސް އަހައިނުލިއެވެ. ކަހާތަން ހިރުވައިވެސްނުލިއެވެ. ކަންމިހެންހުރުމާއެކު، ދިވެހިރާއްޖެ ދޫކުރައްވައި، ސިލޯނަށް ވަޑައިގެން ގާލީގައި ވަޒަންވެރިވެ ވަޑައިގަތީއެވެ. ހަމަ އެހެންމެ އޭގެ ކުޑަ ދުވަސްކޮޅެއްފަހުން، އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ވެސް ސިލޯނަށް ވަޑައިގެންފިއެވެ. އާދެ! ދުވަސްކޮޅެއް ވޭތުވެގެން ހިނގައްޖެއެވެ. ކަންވީގޮތަކީތޯއެވެ…! އާދޭހެވެ. ބޯކެޔޮވަލަކު ހުޅުލީހެން، ޢަލީ ދޮށިމޭނާކިލެގެފާނުގެ ނަންފުޅު މުޅި ސިލޯނުގެތެރޭގައި ފެތުރިގެން ހިނގައްޖެއެވެ. އެ ކިލެގެފާނުގެ މުއްސަނދިކަމާއި، ދީލަތިފުޅުކަމުގެ ސަބަބުން، މަޝްހޫރު ބޭފުޅަކަށްވެއްޖެއެވެ. ހަމަ އެއާއެކު، އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ނަންފުޅުވެސް ވިދުވަރެއް ފަދައިން، ސިލޯނުގެ ހަތަރުބިތަށް ފޯރައިފިއެވެ. ސިލޯނުގެ އަހުލުވެރިން އިތުބާރުކުރާ މަޤުބޫލު ބޭފުޅަކަށްވެގެން ހިނގައްޖެއެވެ. އަދި ކިއެއްތަ! އެ ދެބަފައިކަލުންގެ ނަންފުޅުވަނީ، ޔޫރަޕާއި ހަމައަށް ވާޞިލުވެފައެވެ.

އާދެ! ހިޖްރައިން ބާރަ ސަތޭކަ ބަޔާހިވަނަ އަހަރުގެ ޖުމާދުލްއާޚިރާމަހުގެ ދޭއް ވީ ހުކުރު ދުވަހަކީ، އިބްރާހީމް ދޮށިމޭނާ ކިލެގެފާނަށް، ގާލީގެ ތުރުކީ ސަފީރުކަން ލިބިވަޑައިގަތްދުވަހެވެ. އެއީ މީލާދީ ސަނަތުން އަށާރަ ސަތޭކަ ބަޔާހިވަނަ އަހަރުގެ އޭޕްރީލްމަހުގެ އެކާވީސްވަނަ ދުވަހެވެ. ހަމަ އެއާއެކު، ސިލޯނުގައި އޮންނަ އިނގިރޭސިވިލާތުގެ ސަރުކާރުގެ ފަރާތުން، ޖޭ.ޕީ(ޖަސްޓިސް އޮފް ދަ ޕީސް) ކަމުގެ ޢިއްޒަތްތެރި ދަރަޖަ އެކިލެގެފާނަށް ދެއްވައިފިއެވެ.

ސަރަންދީބުގައި މި މަގުން ކަންތައްތައް ކުރިއަށްދާއިރު، މަޙަލްދީބުގެ ޙާލަތަކީ ކޮބައިތޯއެވެ. އާދޭހެވެ. ހިޖްރައިން ބާރަ ސަތޭކަ ބަޔާހިވަނަ އަހަރު ޞަފަރުމަހު، ވިހިވަނަ ދުވަހަކީ، މާލްދީބުގެ ތާރީޚު ދުށް އެންމެދިގު މުއްދަތުގައި…، އާދެ! ސާޅީސްއަށް އަހަރު ވަންދެން، ރަސްކަމުގެ ރަންސަންދާނަ ފަޅުފިލުއްވެވި އައްސުލްތާން މުޙައްމަދު ޢިމާދުއްދީން އިސްކަންދަރު (މުސްކުޅި ބަންޑާރައިން) އަވަހާރަވީ ދުވަހެވެ. މި ރަދުންނަކީ، އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ބައްޕާފުޅުގެ ދެބެންގެ ދެދަރި ބޭފުޅެކެވެ.

ރަދުން އަވަހާރަވުމުން، ސިންގާސަނާއަށް އިސްކުރެއްވީ، ރަދުންގެ ދެވަނަ ދަރިކަލުން، އައްސުލްޠާން އިބްރާހީމް ނޫރައްދީން ކުލަސުންދުރަ ކައްތިރިބަވަނަ މަހާރަދުންނެވެ. މި ރަދުން ރެދަނލިކުރައްވަން ފެށްޓެވިތާ އަހަރެއް ފާއިތުނުވަނީސް، އިބްރާހީމް ދޮށިމޭނާ ކިލެގެފާނަށް ފަތްކޮޅެއް ފޮނުއްވައިފިއެވެ. މި ފަތްކޮޅުގައި ވަނީ، ރަދުންގެ ބޮޑުވަޒީރުކަމުގެ މަޤާމާއި، ހަވާލުވެވަޑައިގަތުމަށް އެދިވަޑައިގެންފައެވެ. ކަން މިހެން ހުރުމާއެކު، އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ތުރުކީ ސަފީރުކަމުން ދުރުވެވަޑައިގެން، މާލެވަޑައިގެންފިއެވެ. ކީއްވެގެންތޯއެވެ…. އެއްވެސް ޝައްކެއްނެތެވެ. ޤައުމަށް ލޯބިފުޅުކުރައްވާލެއް ބޮޑުކަމުންނެވެ. ޤައުމަށް ޚިދުމަތްކުރެއްވުމުގެ އިޚްލާޞްތެރި ނިޔަތާއެކީގައެވެ.

އާދޭހެވެ. ”ދިވެހި އުންމަތް އެތައް ގޮތަކުން ނިދީގައި ޣަރަޤުވެވި ތިއްބާ“ (އަލްމަރުޙޫމް އިބްރާހިމް ޝިހާބުގެ ޅެމަކުން) ބޮޑުވަޒީރެއްގެ ހައިސިއްޔަތުން ޤައުމަށް ޚިދުމަތްކުރައްވާން ފަށްޓަވައި ފިއެވެ. ދުވަސްކޮޅެއް ވޭތުވެގެން ދިޔަތަނާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ ވަރަށް ވެސް މުހިއްމު މައްސަލައަކާއެވެ. އާދެ! އިނގިރޭސިވިލާތުގެ ކުންފުންޏެއްގެ ފަރާތުން، މާލޭގައި އާގުބޯޓު ދެލިބޭލުމުގެ އިސްޓޭޝަނެއް އުފެއްދުމުގެ މައްސަލައެވެ. އެހެންނަމަވެސް އެ ފަދަ އިސްޓޭޝަނެއް، މާލޭގައި ހެދުމަށް ފެނިވަޑައިނުގަންނަވާކަމުގައި، އިބްރާހީމް ދޮށިމޭނާކިލެގެފާނު ވަކާލާތުކުރެއްވިއެވެ. އެ ކިލެގެފާނަކީ، ދުނިޔެތެރެއަށް ހޭފުޅުލެއްވިފައިވާ ބޭފުޅެއްކަމަށް ވުމުން، މި ކަމަކީ އެހައި އެދެވޭ ކަމެއްނޫންކަން ވިސްނިވަޑައިގަތީއެވެ. އާދޭހެވެ. ”ކުރިން އަދި މާކުރިން ”ހަންފެތުރުމަށް“ ކުރިމިންނަތާ ދެކޮޅަށް،“ (އިބްރާހީމް ޝިހާބްގެ ޅެމަކުން) ދުލެއްނުދެއްވާ އެކަން ހުއްޓުވިއެވެ. މި ޖިހާދުގެ ނަތީޖާއަކަށްވީ، ހިޖުރީ ސަނަތުން ތޭރަ ސަތޭކަ ދެވަނަ އަހަރު ޝައްވާލުމަހުގެ ތެރޭގައި، އެ ކިލެގެފާނަށް ދޮށިމޭނާކަމަށް ކޮލިލެއްވުމެވެ.

އާދެ! އައްސުލްޠާން އިބްރާހީމް ނޫރައްދީން ކުލަސުންދުރަ ކައްތިރިބަވަނަ މަހާރަދުން ރަސްކަމުން އިސްތިއުފާދެއްވައި، އައްސުލްޠާން މުޙައްމަދު މުޢީނުއްދީން އައްޘާނީ ކުޑަބަންޑާރައިން ރަސްކަމަށް އިސްވެވަޑައިގަތްއިރުގައި ވެސް، ބޮޑުވަޒީރަކަށް ހުންނެވީ އިބްރާހިީމް ދޮށިމޭނާ ކިލެގެފާނެވެ. ހަމަ އެހެންމެ އައްސުލްޠާން އިބްރާހީމް ނޫރައްދީން ދެވަނަ ފަހަރަށް ރަސްކަމަށް އިސްވެވަޑައިގަތުމަށްފަހު، ވޭތުވެގެންދިޔަ ހަތަރު އަހަރު ބޮޑުވަޒީރުކަން ކުރެއްވެވީ ވެސް، އެ ކިލެގެފާނެވެ. އެދުވަސްވަރުގެތެރޭގައި، ބޭރުކަރަތަކުން ދިވެހިރާއްޖެއަށް ގެންނަ ތަކެތީން، މަޢުމޫލު (އިމްޕޯޓު ޑިއުޓީ) ނަގާގޮތަށް ހަމަޖެއްސެވީ އެކިލެގެފާނެވެ. ހަމަ އެއާއެކު ރާއްޖެއިން ބޭރުކުރެވޭ ބައެއް ތަކެތިން ވެސް ޑިއުޓީ ނެގިގެންދިޔައެވެ. އާދެ! މިއީ އެ ކިލެގެފާނުގެ ޚިދުމަތްތަކުގެތެރެއިން ޚާއްސަގޮތެއްގައި ފާހަގަކޮށްލަންޖެހޭ ކަމެކެވެ. މީގެ އިތުރުން މުޙައްމަދު ޢިމާދުއްދީންގެ ރަސްކަމުގެ ކުރީކޮޅުގައި، މާލޭގެ ވަށައިގެން ތޮށިލެއްވުމުގެ އެންމެ އިސްވެރިޔަކީ އެ ކިލެގެފާނޭ ދެންނެވުމަކީ ދޮގެއްތޯއެވެ.

ދިވެހި ސިންގާސަނާއަށް ދެވަނަފަހަރަށް އިސްވެ ވަޑައިގަތް، މުޙައްމަދު ޝަމްސުއްދީންގެ ރަސްކަމުގައި ވަޒީރުލް އަޢުޡަމްގެ މަޤާމުގައި ހުންނެވީ ވެސް، އެ ކިލެގެފާނެވެ. އެ ކިލެގެފާނުގެ ލަފާފުޅުގެމަތިން، މި ދައުރުގައި ޤައުމަށް ނުހަނު ގިނަ އިޞްލާޙުތަކެއް ގެނެވުނެވެ. އޭގެތެރޭގައި މަޙަލްދީބާއި، ސަރަންދީބާ ދެމެދުގައި ޕޯސްޓު ހިންގަވާން ފެއްޓެވުން ހިމެނެއެވެ. މުޙައްމަދު ޝަމްސުދީން ރަދުންގެ ދޮށީދަރިކަލުން ޙަސަން ޢިއްޒުއްދީނާއި، ސުއްމުވުލް އަމީރު މުޙައްމަދު ފަރީދު ދީދީއާއި، އަލްއަމީރު ޙަސަން ފަރީދު ދީދީއާއި، ސުއްމުވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނާއި، އަލްމަރުޙޫމް ޙުސައިން ޙިލްމީ ދީދީއާއި، އަލްމަރުޙޫމް އަޙްމަދު ކާމިލް ދީދީ ރާއްޖެއިން ބޭރަށް ކިޔަވައިދެއްވަން ފޮނުއްވެވުން ހިމެނެއެވެ.

މިއީ ތަޢުލީމީ ގޮތުން އެޅިގެންދިޔަ ވަރަށް ވެސް މުހިއްމު، ވަރަށް ވެސް ހަރުދަނާ ފިޔަވަޅެއްމެއެވެ. އެއްވެސް ޝައްކެއްނެތެވެ. އެކިލެގެފާނުގެ އަގުހުރި ޚިދުމަތްތައް ގިނަގުނަވެގެންވެއެވެ. އެހެންނަމަވެސް…. އެހުރިހައި ޚިދުމަތްތަކެއް ވެސް ކޮށްދެއްވާފައިވަނީ، އެތައް ޤުރްބާނީއަކާ އެކުގައެވެ. ”އެކި ފަހަރު އެކި މިންވަރަށް، ހަލަބޮލިވެފައިވާ ކަނޑުތެރޭ“ ( ސުއްމުވުލްއަމީރު މުޙައްމަދު އަމީން) ކުރެއްވެވި ހިންމަތާއި މިންނަތުންނެވެ. މި ގޮތުގެ މަތިން ގާތްގަނޑަކަށް ސާޅީސް އަހަރު ވަންދެން ދިވެހިޤައުމަށް ޚިދުމަތްކުރެއްވެވިއެވެ. އެއްވެސް ޝައްކެއްނެތެވެ. ”ދިވެހިއްޔަތަށްއައި ކޮންމެ އިޞްލާހެއްގެ ސިއްރާ އަސްލަކީ، ރިވެތިވި ހުރާގޭ ދަރިކޮޅުން ވިދި ހަވަނަ ތަރިކަމުގައިވަނީ.“ (އަލްމަރުޙޫމާ ފާޠިމަތު ސަޢީދުގެ ޅެމަކުން)

އާހް! ހިޖުރައިން ތޭރަ ސަތޭކަ ތެޔާޅީސްވަނަ އަހަރުގެ ރަމަޟާންމަހުގެ ހަވަނަ ދުވަހަކީ، ”މަތިވެރިވި ޢާއިލާއިން ފަޚުރެއްކަމަށް އެވާ“ އާދެ! ހުރަވީ ދަރިކޮޅުގެ ސުއްމުވުލްއަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އަވަހާރަވި ދުވަހެވެ. އެއީ މީލާދީ ސަނަތުން އޮނަވިހި ސަތޭކަ ވިހިވަނަ އަހަރުގެ މާރިޗު މަހުގެ އެއްތިރީސްވަނަ ދުވަހެވެ. ފަސްދާނުލެވިފައިވަނީ މާލޭ ހުކުރުމިސްކިތުގެ ތެރޭގައެވެ.

މާތްﷲ، މަރްޙޫމުގެ ފުރާނަފުޅަށް ރަޙްމަތް ލައްވާފާނދޭވެ! އާމީން!

އާދެ! ”ނުލިބުނުކަމަކު ހާރެއްގަތަން ކުލަރީތި މާތަކެއް، ޝުކުރާއި ހަނދާނުން މިއީ ކުރެވޭ ވެދުންތަކޭ “ (ވައިލެޓްމާ)

(ނިމުނީ)


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް