ރޭޕިސްޓުން މުޖުތަމައަށް ދޫވާ މައްސަލަ ބޮޑުވެ މަޖިލީހަށް ބިލެއް!
ފޮޓޯ: އެޑިޝަން

ރޭޕްކުރަނީ ޝިކާރައަށްވާ ފަރާތް ލާހެދުމާއި އޭނާގެ "އަބުރުވެރިކަމާއި އަޙްލާޤަށް" ބެލުމަށްފަހުއެއްނޫންކަމަށާއި، ޤާނޫނު އޮތްގޮތުން ޝިކާރައަށްވާ ފާރަތް ރޭޕް މައްސަލަ ރިޕޯޓުކުރަން ޖެހިލުންވެ، ރޭޕިސްޓުން މުޖުތަމައަށް ދޫވާނެ ފުރުސަތުބޮޑުވާތީ، ޤާނޫނަށް އިސްލާހު ގެނައުމަށް ބިލެއް ހުށަހަޅާފައިވާކަމަށް ގަލޮޅުދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއީލް ނަސީމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހަށް މި ބިލް ހުށަހެޅުމުގެ ބޭނުމަކީ، ޖިންސީ ކުށުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ނ) އާއި، (ރ) އަދި (ބ) މިހާރު އޮތްގޮތުން ކުށުގެ ޝީކާރައަށްވާ ފަރާތުގެ މާޒީއާއި ނަފުސުގެ އަބުރުވެރިކަމާއި، އަޚުލާޤު އަދި ކުށުގެ ތުހުމަތުވުމުގެކުރިން ކުށުގެ ތުހުމަތުކުރެވޭ ފަރާތާއި، ކުށުގެ ޝިކާރައަކަށްވީ ފަރާތާއި، ދެމެދު އޮތް ގުޅުމާއި، މުޢާމަލާތްތަކަކީ ކުށުގެ ޝިކާރައަށްވީ ފަރާތާއި ދެކޮޅަށް ބޭނުންކުރެވޭނެ ހެއްކެއްގެ ގޮތުގައި އޮތުމުން، ކުށުގެ ޝިކާރައަށްވާ ފަރާތް މައްސަލަ ރިޕޯޓޫކުރަން ޖެހިލުންވާތީކަމަށް މީކާއީލް ވިދާޅުވިއެވެ.

މީގެ އިތުރުން ޖިންސީ ކުށްތަކަށް އަރައިގަންނަ ފަރާތްތައް ފަސޭހަކަމާއެކު މުޖުތަމަޢުއަށް ދޫވެގެންދާކަން ފާހަގަކުރެވޭތީ، އެ ފަދަ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް، ޖިންސީ ކުށްތައް ހުއްޓުވުމަކީ މި ބިލް ހުށަހެޅީ މަގުސަދެއް ކަމަށް މީކާއީލް ވިދާޅުވިއެވެ. 

މީކާއީލް އިސްލާހު ހުށަހެޅުއްވި ޖިންސީ ކުށުގެ ގާނޫނުގެ 53 ވަނަ މާއްދާއަކީ ޖިންސީ ކުށުގެ ޝިކާރައަށްވީ ފަރާތާއި ދެކޮޅަށް ބޭނުންކުރެވިދާނެ ހެކިތައް ބަޔާންކުރާ މާއްދާއެވެ. އެގޮތުން އެ މާއްދާގެ (ނ) ގައި ބުނެފައި ވަނީ ކުށުގެ ޝިކާރައަށްވީ ފަރާތުގެ ނަފްސުގެ އަބުރުވެރިކަމާއި އަޚުލާޤާއި ގުޅުންހުރި ކަންކަމުގެ ތެރެއިން ކޯޓަށް ސާބިތުވާ ކަންކަމުގެ މައްޗަށް ބަލާއިރު، އެފަދަ ކުށެއް އޭނާއާމެދު ހިނގާފައިވާކަމަށް ދޮގު ހެކި ދީފާނެ މީހެއްކަމަށް ކޯޓަށް ޤަބޫލުކުރެވޭފަދަ ހާލަތެއް ކޯޓަށް ޤަބޫލު ކުރެވިއްޖެނަމަ އެފަދަ ހެކި ކުށުގެ ތުހުމަތު ކުރެވޭ މީހާއާއި ދެކޮޅަށް ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ ކަމަށެވެ. 

ޖިންސީ ކުށުގެ ގާނޫނުގެ53 ވަނަ މާއްދާގެ (ރ) ގައި ބުނެފައި ވަނީ ކުށުގެ ޝިކާރައަށްވީ ފަރާތާއި ކުށުގެ ތުހުމަތުކުރެވޭ ފަރާތުގެ ވާހަކައަށް ރިޢާޔަތްކުރާއިރު، ތުހުމަތުކުރެވޭ ކުށް އެގޮތަށް ހިނގާފައިވުމަށްވުރެ ބޮޑަށް، އެކަން އެގޮތަށް ހިނގާފައި ނުވާކަމަށް ބެލެވޭނެ ފުރުސަތު ލިބިދޭ ހާލަތެއް ވުޖޫދުގައިވާކަމަށް، ކޯޓަށް ޤަބޫލުކުރެވޭފަދަ ހެކިތައް ކުށުގެ ތުހުމަތު ކުރެވޭ މީހާއާއި ދެކޮޅަށް ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ ކަމަށެވެ. އަދި މި މާއްދާގެ(ބ) ގައި ބުނެފައި ވަނީ ކުށުގެ ތުހުމަތުކުރެވޭ ފަރާތާމެދު ކުށުގެ ތުހުމަތު ކުރެވުމުގެ ކުރިން، އޭނާއާއި ކުށުގެ ޝިކާރައަށްވީ ފަރާތާއި ދެމެދުއޮތް ގުޅުމަކީ، އަދި އެ ދެފަރާތުގެ ދެމެދުގައި ހިނގާފައިވާ މުޢާމަލާތްތަކަކީ، ތުހުމަތުކުރެވޭ ކުށް ހިނގުމަށް މަގުފަހިވެދާނެ ސަބަބެއް ވުޖޫދުގައި އޮވެދާނެ ހާލަތެއް ކަމަށް ކޯޓަށް ޤަބޫލު ނުކުރެވޭފަދަ ހެކިތައް ކުށުގެ ޝިކާރައަށްވީ ފަރާތާއި ދެކޮޅަށް ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ ކަމަށް ޤާނޫނުގައި ވަނީ ބުނެފައެވެ. 

ޤާނޫނު ނަންބަރު 2014/17 ޖިންސީ ކުށުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ނ) އާއި، (ރ) އަދި (ބ) އުނިކުރުމަށް މީކާއީލް ބިލެއް ހުށަހަޅުއްވާފައި މިވަނީ ރޭޕްކޭސްތައް ގިނަވަމުން އަންނަ ދަނޑިވަޅެއްގައެވެ.


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް