ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ރިޝްވަތު ޤަބޫލުކުރުމުގެ ދަޢުވާ އާއި މަނީ ލޯންޑްރިންގގެ ދަޢުވާ އުފުލައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން : ފައިލް ފޮޓޯ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ރިޝްވަތު ގަބޫލުކުރިކަމުގެ ކުށުގެ ދައުވާ އާއި މަނީލޯންޑްރިންގގެ ދައުވާ ދައުލަތުން އުފުލާ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. 

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދެ މައްސަލައެއްގައި ދައުވާ އުފުލައި މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވިކަން ހާމަކޮށް ޕްރޮސިކިއުޓަރ ޖެނަރަލް (ޕީޖީ) އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ( އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމާއި ގުޅިގެން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ.މާލެ، މއ.ކުރިކީލަހިޔާ،  އަޙްމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1،117،000 ޔޫ.އެސް.ޑީ ( އެއްމިލިއަން އެއްލައްކަ ސަތާރަހާސް އެމެރިކާ ޑޮލަރު) ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްއާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެފައިސާ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ މައްސަލާގައި ދަޢުވާކޮށް، 28 ޖޫން 2020 ދުވަހު ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ.  

ޕީޖީގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ޤާނޫނު ނަންބަރު:9/2014 ( ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ(ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާ އާއި ޤާނޫނު ނަންބަރު:10/2014 ( މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ހ) އާއި އެ ޤާނޫނުގެ5 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާ ޙަވާލާދީ، އެ ޤާނޫނުގެ53 ވަނަ މާއްދާގެ (ށ) ގެ ދަށުން މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ ވަނީ އުފުލާފައެވެ. 

މީގެ އިތުރުން ކ.މާލެ، މއ. ކުރިކީލަހިޔާ، އަޙްމަދު ކްރިކް ރިޟާގެ މައްޗަށް ޤާނޫނު ނަންބަރު 2/2000 ( ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދަޢުވާ އާއި ޤާނޫނު ނަންބަރު: 10/2014 ( މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ހ) އާއި އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާ ހަވާލާދީ، އެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ ވަނީ އުފުލާފައެވެ.  

މީގެ އިތުރުން ޕީޖީގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ސަން ކޮންސްޓަރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް އާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ މައްޗަށް ޤާނޫނު ނަންބަރު:10/2014 ( މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ހ) އާއި އެ ޤާނޫނުގެ5 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާ ޙަވާލާދީ، އެ ޤާނޫނުގެ53 ވަނަ މާއްދާގެ (ށ) އާއި އެ ޤާނޫނުގެ 58 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ ވަނީ އުފުލާފައެވެ.

މީގެ އިތުރުން ރައީސް ޔާމީނާއި ކ.މާލެ، މއ. ކުރިކީލަހިޔާ، އަޙްމަދު ކްރިކް ރިޟާ އާއި ސަން ކޮންސްޓަރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް އަދި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ އަތުން މި މައްސަލާގައި ކުށް ކޮށްގެން ހޯދާފައިވާ 1،349885 ޔޫ.އެސް.ޑީ ( އެއްމިލިއަން ތިންލައްކަ ސާޅީސް ނުވަހާސް އަށްސަތޭކަ އަށްޑިހަ ފަހެއް އެމެރިކާ ޑޮލަރު) ނުވަތަ ދިވެހި ރުފިޔާއިން 20،815،226.70 ( ވިހި މިލިއަން އަށްލައްކަ ފަނަރަހާސް ދުއިސައްތަ ސައްބީސް ރުފިޔާ ހަތްދިހަ ލާރި) އާއި ކުށުގެ ޢަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ ފައިސާ 2،295،250 ޔޫ.އެސް.ޑީ (ދެ މިލިއަން ދެލައްކަ ނުވަދިހަ ފަސްހާސް ދުއިސައްތަ ފަންސާސް އެމެރިކާ ޑޮލަރު) ނުވަތަ ދިވެހި ރުފިޔާއިން 35،392،755.00 (ތިރީސް ފަސްމިލިއަން ތިންލައްކަ ނުވަދިހަ ދެހާސް ހަތްސަތޭކަ ފަންސާސް ފަސް ރުފިޔާ) އާއި ޖޫރިމަނާގެ ގޮތުގައި ނަގައިދޭން އެދޭ ފައިސާގެ ގޮތުގައ ި34،689،425 ޔޫ.އެސް.ޑީ (ތިރީސް ހަތަރު މިލިއަން ހަލައްކަ އަށްޑިހަ ނުވަހާސް ހަތަރު ސަތޭކަ ފަންސަވީސް އެމެރިކާ ޑޮލަރު ) ނުވަތަ ދިވެހިރުފިޔާއިން 534،910،933.50 (ފަސްސަތޭކަ ތިރީސްހަތަރު މިލިއަން، ނުވަލައްކަ ދިހަހާސް ނުވަސަތޭކަ ތެއްތިރީސް ރުފިޔާ ފަންސާސް ލާރި) ދަޢުލަތަށް ހޯދުމަށްވެސް ދަޢުލަތުން މަސައްކަތް ކުރާނެކަމަށް ޕީޖީގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.  


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް