ސަފާރީ ރޭޕް ކޭސް: މީޑިއާ ކުށްވެރިކޮށް ބަޔާން ނެރޭއިރު، ތުހުމަތު ކުރެވެނީ އެމްޕީ ޖީހާންގެ ފިރިކަލުންނަށް ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގެއް ނުކުރި
ދެ އަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލައިގައި އޭރު މާލެ ތެރޭގައި ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން/ ފޮޓޯ: ވަން

ސަފާރީއެއްގައި ބިދޭސީއެއް ރޭޕް ކުރި މައްސަލައިގައި ހައްޔަރު ކުރި މީހުން ވަނީ، ހައްޔަރުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ދޫކޮށްލާފައެވެ. ފުލުހުންގެ މީޑިއާ ގްރޫޕުގައި ނޫސްވެރިން އެތައް ސުވާލުތަކެއް އަދިވެސް ކުރަމުންދާއިރު، ފުލުހުންގެ މީޑިއާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބެއެވެ.

އެގޮތުން މައްސަލައިގައި ހިމެނޭ މީހުން ދޫކޮށްލި ސަބަބާއި، އެއީ ރޭޕްއެއް ނޫން ކަމާއި ޖިންސީ ގޯނާ ކުރުން ކަމުގައި ނިންމީ ކިހިނެއްތޯ ނޫސްވެރިން ވަނީ ސުވާލުކޮށްފައެވެ. މީގެ އިތުރުން ހައްޔަރު ކުރި މީހުންނާއި ވިކްޓިމްގެ އެއްވެސް ސާމްޕަލްއެއް ނެގިތޯ ސުވާލު ކުރުމުން ވެސް ބަޔާން ނެރުމާއި ހަމައަށް އެއްވެސް ޖަވާބެއް ނުދެއެވެ.

ރެއިން ފެށިގެން ހުއްޓުމެއްނެތި، ފުލުހުންގެ މީޑިއާ ގްރޫޕުގައި އެތައް ނޫސްވެރިންނެއް ސުވާލު ކުރި ނަމަވެސް، ފުލުހުންގެ ތަރުޖަމާނު ޗީފް ސްޓޭޝަން އިންސްޕެކްޓަރު އާތިފާ ހަސަން ތަކުރާރުކޮށް ވިދާޅުވަމުން ދިޔައީ މައްސަލައިގެ ތަހުގީގު ކުރިޔަށް ދާ ކަމަށެވެ. އަދި ބައެއް ނޫސްވެރިންގެ ސުވާލުތަކަށް އެއްވެސް ވަރަކަށް ޖަވާބެއް ނުދެއްވައެވެ.

ނޫސްވެރިންނަށް ހާއްސަކޮށްފައިވާ އެ ވަޓްސްއަޕް ގްރޫޕުގައި ތިބޭނީ، ކޮންމެ މީޑިއާއަކުން ވެސް އެންމެ އިސް ދެ ނޫސްވެރިންނެވެ. މައްސަލައިގެ މައުލޫމާތު ހާމަނުކުރަނީ ކީއްވެގެން ތޯ ސުވާލު އުފައްދާ ނޫސްވެރިން ވަނީ، ސަރުކާރުގެ އެއްވެސް އިސް މީހެއްގެ ނުފޫޒެއް މި މައްސަލައަށް އައިސްފައިވޭތޯ ސުވާލުކޮށްފައެވެ. އަދި "މަތިން އެއްވެސް ކޯލް" އެއް އައިސްފައިވޭތޯ ވެސް ސުވާލުކޮށްފައެވެ. ނަމަވެސް އެކަމަށް ވެސް އެއްވެސް ޖަވާބެއް ފުލުހުން ނުދެއެވެ.

ނޫސްވެރިންގެ މައިގަނޑު ސުވާލަކަށް ވީ، މައްސަލަ "ފޮރުވަނީ" ކީއްވެގެން ކަމާއި މެދުއެވެ. އަދި އެހެން ކޭސްތަކުގައި ހައްޔަރު ކުރާ މީހާގެ ވަނަވަރު ހާމަކުރެވޭނަމަ މި ކޭސްގައި ތަފާތު ވާން ވީ ސަބަބަށެވެ. ނަމަވެސް އެ ސުވާލަށް އާތިފާ، ރައްދު ދެއްވާ ވިދާޅުވީ މި ކޭސްއާއި އެހެން ކޭސްތަކާއި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭ ކަމަށެވެ.

ސަންގުން ވަނީ، މި ކޭސްގައި ރައްޔިތުންގެ މަޖިލީހުގެ ހިންވަރު ދާއިރާގެ މެންބަރު ޖީހާންގެ ފިރިކަލުން މި މައްސަލައިގައި ކުށުގެ ތުހުމަތު ކުރެވޭތޯ ނުވަތަ ނޫންތޯ ކަށަވަރުކޮށްދިނުމަށް ތަކުރާރުކޮށް އެދިފައެވެ. އަދި ޖީހާންގެ ފިރިކަލުންނަށް މި މައްސަލައިގައި ތުހުމަތުތައްކޮށް މީޑިއާތަކުގައި ރިޕޯޓްތައް ކުރަމުންދާއިރު އެކަމުގެ ސައްހަކަން ކަށަވަރުކޮށްދިނުމަށް ތަކުރާރުކޮށް ސަންގުން ވަނީ އެދިފައެވެ. ހަމަ އެހެންމެ ޖީހާންގެ ފިރިކަލުން މި މައްސަލައިގައި ޝާމިލްވާކަން ނުވަތަ ނޫންކަން ފުލުހުން ކަށަވަރުކޮށް ނުދޭހާ ހިނދަކު މި މައްސަލައިގައި ޖީހާންގެ ފިރިކަލުން ޝާމިލްވާކަމަށް ތުހުމަތުކޮށް މީޑިއާ ތަކުން ކުރާ ރިޕޯޓްތަކުގެ ޒިންމާ ފުލުހުން ނަގަން ޖެހޭނެކަމަށް ސަންގުން ވަޓްސްއަޕް ގްރޫޕްގައި ބުނުމުންވެސް ޖީހާންގެ ފިރިކަލުން މި މައްސަލައިގައި ޝާމިލްވާކަމަށް ދެކެވޭ ވާހަކަތައް ފުލުހުންގެ މިޑިއާއިން ދޮގުކޮށްފައެެއް ނުވެއެވެ. މިރޭ އެންމެ ފަހުން އެ ސުވާލު ކުރަން ފެށުމުން އާތިފާ ވިދާޅުވީ އެއްވެސް މީހެއްގެ ޒާތީ މައުލޫމާތެއް ހިއްސާއެއް ނުކުރެވޭނެކަމަށެވެ. 

މައްސަލައިގައި މަތީން އައި ކޯލުތަކުގެ ތެރޭގައި، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ގުޅިކަމަށް ވެސް ވާހަކަ ދެކެވެއެވެ. އެ ސުވާލު ވެސް ތަކުރާރު ކުރުމުން ފުލުހުން އެއްވެސް ސާފު ޖަވާބެއް ނުދެއެވެ. އަދި ބުނަމުން ދިޔައީ ނޫސްވެރިންގެ އިހުސާސްތައް ބަލައިގަންނަ ކަމަށެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނުގައި ވާގޮތުން، މައްސަލަ ހުށަހެޅީ ފަތިހު 05:00 ގައެވެ. އަދި އެގޮތަށް ބަޔާނުގައި އޮތްއިރު އެ ހާދިސާ ހިނގިތާ މާ ގިނައިރެއް ނުވެ އެންމެން ދޫކޮށްލިއިރު ސާމްޕަލް ނަގާ ޑޮކްޓަރަށް ދެއްކީ ވެސް ކޮން އިރަކުތޯ ނޫސްވެރިން ސުވާލު ކުރިއެވެ.

ފުލުހުން ބުނާ ގޮތުގައި އެފަދަ ކަމެއް ހިނގައިގެން އުޅޭކަން އެނގުނީ ހުޅުމާލެ ލަކުޑި ޖެޓީ ސަރަހައްދަށް ފުލުހުން ދިޔައިރު އެ ތަނުގައި އަންހެނަކާއި ދެ ފިރިހެނަކު ތިއްބާ ފެނި ސުވާލު ކުރުމުންނެވެ. ފުލުހުން ބުނީ މި މަހުގެ 25 ވަނަ ދުވަހުގެ ރޭ ރައްޓެއްސެއްގެ ފަރާތުން ލިބުނު ދައުވަތަކަށް، މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންނާއެކު ސަފާރީއަކަށް ގޮސް ވަގުތު ހޭދަކުރި ކަމަށާއި އަދި އެ މީހުން، ސަފާރީ ތެރޭގައި އޭނާގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލައި ޖިންސީ ގޯނާކުރި ކަމަށާއި، އެމީހުންގެ އަމަލުތައް އެފަދަ އަމަލެއް ތަކުރާރުކޮށްފާނެތީ ސަލާމަތްވާން މޫދަށް ފުންމާލުމުން ޑިންގީއެއްގައި އެ ދެމީހުން އައިސް އޭނާ ޑިންގީއަށް ނަގައިގެން ގެންގޮސް ހުޅުމާލެ ޖެޓީއަށް ބޭލީ ކަމަށް އަންހެން މީހާ ބަޔާން ދީފައިވާ ކަމަށެވެ. އަދި  އެތަނުގައި ތިބި ދެ ފިރިހެނުން އެވަގުތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ، އެއީ ދެމިގެން ދިޔަ ކުށުގެ ވެއްޓެއް ކަމަށް ވާތީ  ކަމަށެވެ. ފުލުހުން ބުނީ މައްސަލައިގައި ދެ މީހުން ދޫކޮށްލީ އެވަގުތާއި ހަމައަށް ލިބިފައިހުރި މައުލޫމާތުތަކުގެ މައްޗަށް ބަލާ ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީ ކަމަށް ކަމަށެވެ.

މައްސަލައިގައި ފުލުހުން އަމަލު ކުރި ގޮތާއި މެދު ނޫސްވެރިން ސުވާލު އުފައްދައެވެ. އަދި ބަންދުގައި ބަހައްޓަން ނުޖެހޭކަމަށް ނިންމީ ކިހިނެއްތޯ ނޫސްވެރިން ސުވާލު ކުރިއެވެ. ނަމަވެސް މީގެއިން އެއްވެސް ސުވާލަކަށް ފުލުހުންގެ ފަރާތުން މާބޮޑު އެއްބާރުލުމެއް ނުލިބިއެވެ.


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް