ސަފާރީ ރޭޕްކޭސް: ކުށުގެ ތުހުމަތު ކުރެވޭ މީޙުން ދޫކޮށްލި ސަބަބު ފުލުހުން ސާފުކޮށްދޭން ޖެހޭ: ހަސަން ލަތީފް
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް: ފޮޓޯ މަޖިލިސް

ހުޅުމާލޭ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ދެ ދިވެއްސަކު ވެގެން ބިދޭސީ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައިގައި އަންހެން މީހާ ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ކުށުގެ ވެށިން ހައްޔަރު ކުރުމަށް ފަހު އެ ދެ މީހުން ދޫކޮށްލި ސަބަބު ފުލުހުން ސާފުކޮށްދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީޙުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ. 

މިދިޔަ ހުކުރު ދުވަހު ރޭ ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.

ކުއްލި މައްސަލައަށް ވާހަކަ ދައްކަމުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމް ވެސް ފުރައްވަމުން ގެންދަވާ ހަސަން ލަތީފް ވިދާޅުވީ ހުޅުމާލޭ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ދެ ދިވެއްސަކު ވެގެން ބިދޭސީ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައިގައި އެތައް ބަޔަކަށް އިނގިލި ދިއްކުރެވިގެންދާއިރު ކަން ހިނގާދިޔަ ގޮތް ފުލުހުން ސާފުކޮށް ދޭން ޖެހޭ ކަމަށެވެ. އަދި މައްސަލައިގައި އެއްވެސް ސިޔާސީ ނުފޫޒެއް ފޯރާފައިވާނަމަ ފުލުހުން އެކަން ކަމާއި ބެހޭ މުއައްސަސާތަކަށް ހުށަހަޅަން ޖެހޭ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. 

ހަސަން ލަތީފް ވިދާޅުވީ ރޭޕްކޭސްގެ މި މައްސަލަ ސިޔާސީ ނުފޫޒުން އެއްކިބާވެތިބެ އިންސާފްވެރި ކަމާއިއެކު މައްސަލަ ތަހުގީގު ކުރުމުން ނޫނީ ބޭނުންވާ މަގުސަދު ހާސިލް ނުވާނެ ކަމަށާއި އަދި އިންސާފް ގާއިމް ކުރެވުނު ކަމަކަށް ވެސް ގަބޫލު ނުކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ އަންހެނުންނަށް ހިމާޔަތާއި ރައްކާތެރިކަން ލިބިފައިވާކަން ވެސް ޔަގީން ކުރެވޭނީ މިފަދަ މައްސަލަތައް ސިޔާސީ ނުފޫޒުން އެއްކިބާވެތިބެގެން ތަހުގީގުކޮށްގެން ކަމަށާއި މިއީ ހަގީގަތް އެނގެންޖެހޭ މައްސަލައެއް ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ. 

ހަސަން ލަތީފް ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލަތަކަކީ އާދައިގެ މައްސަލަތަކެއް ނޫން ކަމަށާއި އެހެން ކަމުން ޖިންސީ ގޯނާގެ ޝިކާރައަކަށްވާ މީހާގެ ވާހަކައަކީ ބުރަދަން ހުރި ބަލައިގަންނަން ޖެހޭ ވާހަކަތަކެއް ކަމަށެވެ. އަދި ޖިންސީ ގޯނާގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރީ ކުށުގެ ވެށިން ކަމަށްވާނަމަ އެ މީހަކާއި މެދު އަމަލު ކުރާ ގޮތް ވެސް ގާނޫނީ ގޮތުން ތަފާތުވާނެ ކަމަށާއި އެހެން ކަމުން ހުޅުމާލޭ ރޭޕް ކޭސްގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކުރީ ކުށުގެ ވެށިން ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވާއިރު އެ މީހުން ދޫކޮށްލި ސަބަބު އެނގެން ޖެހޭ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. 

ހަސަން ލަތީފް ވިދާޅުވީ ހުޅުމާލޭ ރޭޕް ކޭސްގެ މައްސަލައިގައި ރައްޔިތުންގެ ތެރޭގައި ކަންބޮޑުވުން އުފެދެން ޖެހުނު މައިގަނޑު ސަބަބަކީ ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ކުށުގެ ވެށިން ހައްޔަރު ކުރުމަށް ފަހު އެ ދެ މީހުން ދޫކޮށްލުމުން ކަމަށެވެ. އެހެން ކަމުން މި މައްސަލައިގައި ކަންހިނގާދިޔަ ގޮތް ކަމާއި ގުޅުންހުރި މުއައްސަސާތަކުން މިނިވަން ކަމާއިއެކު ތަހުގީގު ކުރަން ޖެހޭ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އަދި މިފަދަ މައްސަލަތަކުގައި ފުލުހުން އަމަލު ކުރާ ގޮތް މައްސަލަ ތަހުގީގު ކުރާ ގޮތް ޕީޖީ ގާތުން ބަލަން ޖެހޭކަން ހަސަން ލަތީފް ފާހަގަ ކުރެއްވިއެވެ. 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް