އެމްއެމްޕީއާރުސީ ޚިޔާނާތުގެ ތަހުގީގުގެ މިސްރާބު ކަސިޔާރުވެއްޖެ: ސަން ގްރޫޕް

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ތަހުގީގު ކުރުމުގެ މިސްރާބު ކަސިޔާރުވެފައިވާ ކަމަށް މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ ވިޔަފާރި ދެ ކުންފުނިން ބުނެފިއެވެ.

ސިޔާމްގެ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލޯންޑާ ކުރި ކަމަށް ތުހުމަތުކޮށް ކްރިމިނަލް ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ ދައުވާ އުފުލާފައެވެ.

ތުހުމަތުތައް ދޮގުކޮށް އެ ދެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މަނީ ލޯންޑްރިންގެ ކުށެއް ކުރިކަމަށް ބުނެ އެ ކުންފުނީގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކުރާ ކަމަށެވެ. އަދި އެ ކުންފުނީގެ އެންމެހާ މުއާމަލާތްތައް އަބަދުވެސް ހިންގަނީ ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން، ގާނޫނުތަކާ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން އޭގެ ސައްހަކަން ކަށަވަރުކުރެވިގެން ނޫނީ ބޮޑެތި ފައިސާގެ އަދަދުތައް ހިމެނޭ މުއާމަލާތެއް ކުރުމަކީ އެކުންފުނިތަކުން އަމަލުކުރަމުންދާ ގޮތެއް ނޫން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތުގެ ގޮތުގައި ބަޔަކު ނެގި ފައިސާ، އެ ދެ ކުންފުނިން ލޯންޑަރ ކުރި ކަމަށް ތުހުމަތު ކުރާއިރު އެ ކަމުގައި އެއްވެސް ބަޔަކު ރިޝްވަތުގެ ގޮތުގައި އެއްޗެއް ހޯދައި ބަދަލު ކުރިކަން އެނގިފައި ނުވާ ކަމަށް ބަޔާނުގައިވެއެވެ.

ބަޔާނުގައި ބުނެފައިވަނީ އެފަދަ އެއްވެސް ކަމެއްގައި އެ ދެ ކުންފުނިން ބައިވެރިވެފައި ނުވާނެ ކަމަށާއި އެ ކުންފުނީގެ މައްޗަށް އެއްވެސް ޖިނާއީ ކުށެއް ސާބިތުކުރެވޭނެ ހެއްކެއް ހޯދިފައި ނުވާނެކަމަށެވެ.

އެތައް އަހަރެއް ފަހުން، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގުގައި އެ ދެ ކުންފުންޏާ ދިމާއަށް ތަހުގީގު އަމާޒުވުމަކީ ތަހުގީގު ކުރުމުގެ މިސްރާބު ކަސިޔާރުވެފައިވާކަން ދައްކައިދޭ ކަމެއްކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެމްއެމްޕީއާރުސީ މައްސަލައިގެ ތަހުގީގުތަކާއި ދައުވާތައް، ކުށުގެ އަސްލު މޭސްތިރިންނާއި ކުށުން މަންފާ ހޯދި މީހުންގެ ކިބައިން ދުރަށް ފުރޮޅާލެވިގެންދާތީ ހިތާމަ ކުރާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ސަންގްރޫޕްގެ ދެ ކުންފުންޏަކަށް ދައުވާ އުފުލާފައިވަނީ ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރައީސް ޔާމީން، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 17.2 މިލިއަން ރުފިޔާ) ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް