ޖިންސީ ގޯނާ ގެ މައްސަލައިގައި، ބަޔަކު ދޫވީ މެމްބަރެއްގެ ސަބަބުން ކަމަށް ދެކުން ރަނގަޅެއް ނޫން: ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން/ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

މަޖިލީހުގެ އެއްވެސް މެންބަރަކު ފުލުހުންގެ ތަހުގީގުތަކަށް ނުފޫޒު ފޯރުވުމަކީ ރަނގަޅުކަމެއް ނޫން ކަމަށާއި، ސަފާރީގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލައިގެ ތުހުމަތުވާ ބަޔަކު ދޫކޮށްލުން އެއީ މަޖިލީހުގެ މެމްބަރެއްގެ ބާރާއި ނުފޫޒުން ހިނގިކަމެއްގެ ގޮތުގައި ނުދެކުމަށް އެދޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ، ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނެއް ރޭޕް ކުރި މައްސަލައިގައި ކުށުގެ ވެށިން ހައްޔަރު ކުރި ދެ މީހުން ވަނީ އެ މީހުން ހައްޔަރުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ބުނެ ދޫކޮށްލާފައެވެ. 39 އަހަރުގެ ދިވެހި ދެ ފިރިހެނުން އެ ކޭސްއާއި ގުޅިގެން ހައްޔަރު ކުރިއިރު އެ މީހުން ހައްޔަރު ކުރިތާ މާ ގިނަ އިރުތަކެއް ނުވެ ދޫކޮށްލާން ޖެހުނީ "މަތީން އައި ފޯނު ކޯލެއް" ގެ ސަބަބުން ކަމަށް ވާހަކަތައް ފެތުރޭއިރު އޭގެ ތެރެއިން އެކަކު އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ފިރިމީހާކަމަށް ވާހަކަތައް ދެކެވެއެވެ.

މައްސަލައާއި ގުޅިގެން ފާއިތުވީ ދެ ދުވަހުގެ ތެރޭގައި ވެސް ނޫސްވެރިން ވަނީ ފުލުހުންގެ މީޑިއާ އޮފިޝަލް ގްރޫޕުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މެމްބަރުގެ ފިރިމީހާތޯ ނުވަތަ ނޫން ތޯ ސާފު ކުރުމަށް އެދިފައެވެ. އަދި އޭނާ ހައްޔަރު ނުކުރާނަމަ އެކަން ހާމަކުރުމުން މީޑިއާތަކުން އެކަން ރިޕޯޓު ކުރާނެ ކަމާއި، އެއީ ދޮގެއްނަމަ އެ ކަތިލެވެނީ މީހެއްގެ އަބުރުކަން ވެސް ނޫސްވެރިން ފާހަގަކުރިއެވެ. ނަމަވެސް ފުލުހުން ތަކުރާރުކޮށް ބުނަމުން ދިޔައީ މީހެއްގެ ޒާތީ އެއްވެސް މައުލޫމާތެއް ހާމަ ކުރެވެން ނެތް ކަމަށެވެ. ނޫސްވެރިން އެތައް ސުވާލުތަކެއް ގްރޫޕްގައި ކުރިއިރު ވެސް އެއްވެސް ޖަވާބެއް ފުލުހުން ދީފައި ނުވެއެވެ.

ސަފާރީ ރޭޕް ކޭސްއާއި ގުޅިގެން މުޅި ސޯޝަލް މީޑިއާ ހޫނުވެ، ފުލުހުންނާއި މުވައްސަސާތަކަށް ފާޑުކިޔަމުންދާއިރު މަޖިލީހަށް ކުއްލި މައްސަލައެއް ވަނީ މިއަދު ހުށަހަޅާފައެވެ. މެމްބަރުންގެ އެކި ވާހަކަތަކަށް މަޖިލީހުގެ ރައީސް ކޮމެންޓު ކުރައްވަމުން ގެންދެވުމަށްފަހު ގިނަ މެމްބަރުންގެ ވާހަކައިގައި ނުފޫޒު އޮތް މީހެއްގެ ވާހަކައާއި އަދި އެ ކޯލްއައީ ކާކުގެ ފަރާތުންތޯ ސުވާލު އުފައްދާ ވާހަކަ ދެއްކެވުމުން ރައީސް ނަޝިދު ވިދާޅުވީ މި މައްސަލައިގައި ހިމެނޭކަމަށް ތުހުމަތުވާ ބަޔަކު ދޫކޮށްލީ މަޖިލީހުގެ މެމްބަރެއްގެ ފިރިމީހާއަށް ވާތީކަމަށް ވާހަކަ ދެކެވޭ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެ މީހަކު ހައްޔަރުގައި ނެތީ މަޖިލީހުގެ މެމްބަރެއްގެ ނުފޫޒުންކަމަށް ނުދެކުމަށް އެދޭ ކަމަށެވެ.

"އެއް ނަޒަރަކުން ދެކޭ ދެކުމުގައި މެންބަރެއްގެ ފިރިކަލެއް ކަމުން އެ ތުހުމަތު ކުރެވުނު މީހާ ދޫކޮށްލެވުނީ. އެ ދޫކޮށްލެވުން ހިނގައި ދިޔައި އެ ސަބަބަށް ޓަކައި ކަމަށް މި ހާމަ ކުރަނީ މި ދެންނެވި މެންބަރުގެ ޕާޓީއާ ވާދަވެރި ޕާޓީތަކުގެ މެންބަރުން" ރައީސް ނަޝީދު

ރައީސް ނަޝިދު ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލައެއް އަދި ފުލުހުން ކުރިޔަށް ގެންދާ އިތުރު ތަހުގީގަކަށް ވެސް މަޖިލީހުގެ މެމްބަރަކު ނުވަތަ މުވައްސަސާއެއްގެ ވެރިއަކަށް ހަވާލުވެގެން ހުރި މީހަކު އިރުޝާދު ދިނުމަކީ ރަނގަޅުކަމެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަމަށެވެ. އަދި މިއީ މަޖިލީހުންނާއި، މަޖިލީހުގެ ރިޔާސަތުން ވެސް ގަބޫލު ކުރާނެ ކަންތަކެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މައްސަލައިގައި ދެ ދުވަސް ފާއިތުވީ ފަހުން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ މައްސަލައިގައި ހިމެނޭ މީހުންގެ ތުހުމަތުތައް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެއަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެ މީހުން ދޫކޮށްލީ އެވަގުތަށް ކުރެވެން އޮތް މިންވަރަށް ތަހުގީގު ކުރުމަށްފަހު ކަމަށް ފުލުހުން ވެސް ބުނާ ކަމަށެވެ.

މައްސަލައިގައި މަތީން އައި ކޯލުތަކުގެ ތެރޭގައި، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ގުޅިކަމަށް ވެސް ވާހަކަ ދެކެވެއެވެ. އެ ސުވާލު ވެސް ތަކުރާރު ކުރުމުން ފުލުހުން އެއްވެސް ސާފު ޖަވާބެއް ނުދެއެވެ. އަދި ބުނަމުން ދިޔައީ ނޫސްވެރިންގެ އިހުސާސްތައް ބަލައިގަންނަ ކަމަށެވެ.

ފުލުހުން ރޭ ނެރުނު ބަޔާނުގައި ވާގޮތުން، މައްސަލަ ހުށަހެޅީ ފަތިހު 05:00 ގައެވެ. އަދި އެގޮތަށް ބަޔާނުގައި އޮތްއިރު އެ ހާދިސާ ހިނގިތާ މާ ގިނައިރެއް ނުވެ އެންމެން ދޫކޮށްލިއިރު ސާމްޕަލް ނަގާ ޑޮކްޓަރަށް ދެއްކީ ވެސް ކޮން އިރަކުތޯ ނޫސްވެރިން ސުވާލު ކުރިއެވެ. ހުއްޓުމެއްނެތި، ފުލުހުންގެ މީޑިއާ ގްރޫޕުގައި އެތައް ނޫސްވެރިންނެއް ސުވާލު ކުރި ނަމަވެސް، ފުލުހުންގެ ތަރުޖަމާނު ޗީފް ސްޓޭޝަން އިންސްޕެކްޓަރު އާތިފާ ހަސަން ތަކުރާރުކޮށް ވިދާޅުވަމުން ދިޔައީ މައްސަލައިގެ ތަހުގީގު ކުރިޔަށް ދާ ކަމަށެވެ. އަދި ބައެއް ނޫސްވެރިންގެ ސުވާލުތަކަށް އެއްވެސް ވަރަކަށް ޖަވާބެއް ނުދެއްވައެވެ.

ނޫސްވެރިންނަށް ހާއްސަކޮށްފައިވާ އެ ވަޓްސްއަޕް ގްރޫޕުގައި ތިބޭނީ، ކޮންމެ މީޑިއާއަކުން ވެސް އެންމެ އިސް ދެ ނޫސްވެރިންނެވެ. މައްސަލައިގެ މައުލޫމާތު ހާމަނުކުރަނީ ކީއްވެގެން ތޯ ސުވާލު އުފައްދާ ނޫސްވެރިން ވަނީ، ސަރުކާރުގެ އެއްވެސް އިސް މީހެއްގެ ނުފޫޒެއް މި މައްސަލައަށް އައިސްފައިވޭތޯ ސުވާލުކޮށްފައެވެ. އަދި "މަތިން އެއްވެސް ކޯލް" އެއް އައިސްފައިވޭތޯ ވެސް ސުވާލުކޮށްފައެވެ. ނަމަވެސް އެކަމަށް ވެސް އެއްވެސް ޖަވާބެއް ފުލުހުން ނުދެއެވެ.

ނޫސްވެރިންގެ މައިގަނޑު ސުވާލަކަށް ވީ، މައްސަލަ "ފޮރުވަނީ" ކީއްވެގެން ކަމާއި މެދުއެވެ. އަދި އެހެން ކޭސްތަކުގައި ހައްޔަރު ކުރާ މީހާގެ ވަނަވަރު ހާމަކުރެވޭނަމަ މި ކޭސްގައި ތަފާތު ވާން ވީ ސަބަބަށެވެ. ނަމަވެސް އެ ސުވާލަށް އާތިފާ، ރައްދު ދެއްވާ ވިދާޅުވީ މި ކޭސްއާއި އެހެން ކޭސްތަކާއި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް